ރާއްޖޭގެ ރަށްރަށުގައި ޤާއިމްކުރާ ހުރިހާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރ (އެފްއާރްސީ) ތަކުގެ މަސައްކަތް އަންނަ އަހަރުގެ ނޮވެމްބަރު މަހަށް ނިމޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
"ދަ ޕަލްސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ފަށާފައިވާ ކުޅިވަރު މަޝްރޫޢުތައް ނިމޭއިރު އެއްވެސް ރަށެއް އިސްތިސްނާ ނުވާނެހެން ރާއްޖޭގެ ހުރިހާ ރަށެއްގައި ޒަމާނީ ފެންވަރުގެ އެފްއާރްސީއެއް ހުންނާނެ ކަމަށެވެ. މީގެއިތުރުން ސަލްޓަން ޕާކާއި ހުޅުމާލޭގައި އިންޑޯ ގޭމިން ސެންޓަރެއް ހެދުމަށާއި، ރޭސިންގ އަދި ޑްރިފްޓިންގ ޓްރެކެއްގެ އިތުރުން ގޯކާޓް އެރީނާއެއް ހުޅުމާލޭގައި ހެދުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެ ހުރިހާ ތަނެއް 2028 ގެ ފުރަތަމަ ކުއާޓާގެ ނިޔަލަށް ނިމޭނެ ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވީ، މުލިއާގޭ ގަރާޖުގައި ތަރައްޤީކުރި ޒުވާނުންގެ މަރުކަޒަކީ ވަރަށް ކާމިޔާބު ތަނެއް ކަމަށާއި، އަތޮޅުތެރޭގެ 15 ރަށެއްގައި 1200 މީހުންގެ ޖާގައިގެ އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސްތައް ހެދުމާއި ޔޫތު ހަބްތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
ހަމައެއާއެކު، ރާޅުގަނޑު ސަރަހައްދުގައި ހަދާ އިންޓަނޭޝަނަލް ސަރފިންގ ސްޓޭޑިއަމާއި، ހުޅުމާލޭގައި ހަދާ އިންޑޯ ބޯލިންގ އެރީނާގެ އިތުރުން ފުޓްސަލް އަދި ނެޓްބޯޅަ ސްޓޭޑިއަމްގެ މަސައްކަތްތައް ކުރިއަށްދާކަން ހާމަކުރައްވައި، ރެކޯޑު މިންވަރަކަށް ކުޅިވަރު ވަސީލަތްތައް ޤާއިމުކޮށް ހަށިހެޔޮ ޒުވާން ޖީލެއް ބިނާކުރުމަށް ސަރުކާރުން އިސްކަންދޭކަން ރައީސް ފާހަގަކުރެއްވިއެވެ.


