ރައީސުލް ޖުމްހޫރިއްޔާގެ ވާދައިގެ ތަށްޓަށް ކުޅޭ ޤައުމީ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް 2 ގައި ހިމެނޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ކްލަބް އީގަލްސް ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ހުކުރު ދުވަހުގެ ހަވީރު ޤައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި ފޯރިގަދަ މެޗު ނިއު ރޭޑިއަންޓުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ނިއު އަށް ވަނީ ކުޅުނު ދެ މެޗުން ޖުމްލަ 4 ޕޮއިންޓް ލިބިފައެވެ. އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އޮޑިސްޕޯޓްސް ކްލަބާ ބައްދަލުކޮށް އެއްވަރުވުމުން ލިބުނު 1 ޕޮއިންޓާއެކު، މި މެޗުން ލިބުނު 3 ޕޮއިންޓާއެކު އެ ޓީމަށް ވަނީ ސެމީގެ ޖާގައެއް ޔަގީންވެފައެވެ.
މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ނިއު ރޭޑިއަންޓުންނެވެ. މެޗުގެ 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ޑަސިލްވާއެވެ. ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން އީގަލްސްގެ ހިޝާމް ސަލީމް ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކުރިއެވެ. ނިއު މެޗުން މޮޅުވި ލަނޑު، ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީވެސް ފުރަތަމަ ލަނޑު ޖެހި ޑަސިލްވާއެވެ.
މި ގްރޫޕުން ސެމީ ފައިނަލުގެ އަނެއް ޖާގަ ލިބޭނެ ޓީމެއް ކަށަވަރުވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޮޑިސްޕޯޓްސް އާއި އީގަލްސް ބައްދަލުކުރާ މެޗަށް ފަހުގައެވެ.
ވިކްޓަރީ ބަލިވެ، ސެމީގެ އުންމީދަށް ހުރަސް އެޅިއްޖެ
މުބާރާތުގެ ގްރޫޕް 1 ގައި ހިމެނޭ ވިކްޓަރީ ސްޕޯޓްސް ކްލަބް ކުޅުނު ފުރަތަމަ މެޗުން ބުރު ސްޕޯޓްސް ކްލަބް އަތުން ވަނީ 2-1 އިން ބަލިވެފައެވެ. ހުކުރު ދުވަހުގެ ރޭ ކުޅުނު މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ.
ބުރު ސްޕޯޓްސްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ހަޑްސަން ޑިއާޒްއެވެ. ވިކްޓަރީގެ ހަމައެކަނި ލަނޑު ޖަހައިދިނީ ސްލޮވާކިއާގެ ފޯވާޑް މިލޯސް ލަޗްނީއެވެ. ބުރު ސްޕޯޓްސް ވަނީ އެ ޓީމުގެ ފުރަތަމަ މެޗުގައި މާޒިޔާ އަތުން 1-0 އިން ބަލިވެފައެވެ. އެހެން ކަމުން ބުރުގެ ހުރިހާ މެޗެއް ކުޅުނުއިރު އެޓީމަށް ވަނީ 3 ޕޮއިންޓް ލިބިފައެވެ. މާޒިޔާއަށް މިހާރުވެސް ވަނީ 3 ޕޮއިންޓް ހޯދާފައެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ. އެދުވަހުގެ ހަވީރު ގްރޫޕް 2 ގައި އޮޑިސްޕޯޓްސް އާއި އީގަލްސް ބައްދަލުކުރާއިރު، އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް 1 ގެ މާޒިޔާ އާއި ވިކްޓަރީއެވެ. ވިކްޓަރީއަށް ސެމީގެ އުންމީދު ދަމަހައްޓަން މާޒިޔާ އަތުން މޮޅުވުން މަޖުބޫރެވެ.


