ތަފްސީރުގެ އަލީގައި: ރަމަޟާން މަހަކީ ޤުރުއާން ބާވާލެއްވި މައްސަރު

الحمد لله رب العالمين. الصلاة والسلام على أشرف الأنبياء والمسلين. أما بعد:

ﷲ ސުބުޙާނާހޫ ވަތަޢާލާގެ ރަޙުމަތުން އަޅުގަނޑުމެން މިވަނީ އާ ރަމަޟާން މަހަކާއި ބައްދަލުކޮށްފައެވެ. އެމަހަކީ ﷲ އެމަހެއްގައި ހެޔޮކަމާއި ބަރަކާތް އެހެންމަހެއްގައި ނުލައްވާ މިންވަރަށް ހެޔޮކަން ލައްވާފައިވާ މައްސަރެވެ. ފާފަ ފުއްސެވުމުގެ މައްސަރެވެ. އެއިލާހުގެ ބަސްފުޅު ބާވާލެއްވި މައްސަރެވެ. އެފޮތަށް ވިސްނާ ތަދައްބުރުކޮށް ޢަމަލު ކުރަން މަސައްކަތްކުރުމުގެ މައްސަރެވެ. އެގޮތުން މިހުށައަޅާލެވޭ ތަފުސީރުގެ ސިލްސިލާގައި ރޯދަމަހުގެ ކޮންމެ ދުވަހެއްގައިވެސް ކީރިތި ޤުރުއާނުން ތަފުސީރުގެ އެކިއެކި ބައިތައް ހުށައަޅާލެވޭނެއެވެ. ދުޢާއަކީ މިކަމުން ފައިދާ ލިބިގަނެ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަ އާ ޞަޙާބީންގެ މަގުގައި ފައިތިލަ ސާބިތުކުރާ ބައެއްކަމުގައި ލެއްވުމެވެ.

ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

(شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ، فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ، وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ،  يُرِيدُ اللَّـهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّـهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ)

މާނައީ: "ރަމަޟާން މަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެ ޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި ޙާޟިރު ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ. އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުއްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް ތަކްބީރުކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ."

ތަފްސީރު

ހ. ރޯދަމަހަކީ ﷲ ޤުރުޢާން ބާވާލެއްވި މައްސަރެވެ.

ތަފްސީރު އިބުނު ކަޘީރުގައި މި އާޔަތުގެ ތަފްސީރުގައި އިމާމު އިބުނު ކަޘީރު ބަޔާންކުރައްވާފައިވެއެވެ.

"ހުރިހާ މަސްތަކެއްގެ ތެރެއިން ﷲ ތަޢަލާ މިމަހަށް މަދަޙަ ޘަނާ ދަންނަވާފައިވެއެވެ. ސަބަބަކީ އެއިލާހުގެ މަތިވެރިވެގެންވާ ބަސްފުޅު ބާވާލެއްވުމަށް އެއިލާހު އިޚުތިޔާރު ކުރެއްވި މިމަހުގައެވެ. އަދި އެއީ އެކަމަށް ﷲ އެމަސް ޚާއްޞަކުރެއްވި ފަދައިންނެވެ. ހަމަކަށަވަރުން ނަބީބޭކަލުންނަށް ﷲގެ އިލާހީ ފޮތްތައް ދެއްވުނީ ރަމަޟާން މަހުގައި ކަން ސާބިތުވާ ޙަދީޘްތައް ވާރިދުވެފައިވެއެވެ."

އެގޮތުން އިބްރާހިމް ޢަލައިއްސަލާމްގެ ފަތްފުތްތަކާއި އަދި މޫސާގެފާނަށް ދެއްވުނު ތައުރާތު އަދި ދާވޫދު ޢަލައިހިއްސަލާމްގެ ޒަބޫރު އަދި ޢީސާ ޢަލައިހިއްސަލާމަށް ބާވާލެއްވުނު ތައުރާތު އަދި ޤުރުއާން ބާވާލެއްވުނީ ރަމަޟާން މަހުގައެވެ. ޤުރުއާން ފިޔަވައި އެހެން ފޮތްތައް ބާވާލެއްވުނީ އެކީ އެކައްޗަކަށް ނަބީބޭކަލުންނަށެވެ. ޤުރުއާން ބާވާލެއްވުނީ ލައުޙުލް މަޙްފޫޡުން ބައިތުލް ޢިއްޒާއަށް އެކީ އެކައްޗަކަށެވެ. އަދި ބައިތުލް ޢިއްޒާ(ދުނިޔޭގެ އުޑުން)އިން ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް 23 އަހަރުންނެވެ. މިފަދައިން އިބުނު ޢައްބާސްގެ ކިބައިން ރިވާވެގެންވާ ކަމަށް އިބުނު ކަޘީރުގެ ތަފުސީރުގައި ޒިކުރުވެފައިވެއެވެ.

ޙަދީޘްގައި އައިސްފައިވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

(أنزلت صحف إبراهيم في أول ليلة من رمضان . وأنزلت التوراة لست مضين من رمضان ، والإنجيل لثلاث عشرة خلت من رمضان ، وأنزل الله القرآن لأربع وعشرين خلت من رمضان) (رواه أحمد في المسند: 17034)

މާނައީ: "އިބުރާހީމް ޢަލައިހިއް ސަލާމްގެ ސުޙުފު ބާވާލެއްވުނީ ރޯދަމަހުގެ ފުރަތަމަ ރޭގައެވެ. ތައުރާތު ބާވާލެއްވުނީ ރޯދަމަހުގެ ފުރަތަމަ ހަދުވަސް މާޒީވުމުންނެވެ. އަދި އިންޖީލު ބާވާލެއްވުނީ ރޯދަމަހުގެ ތޭރަ ދުވަސް ދިޔުމުންނެވެ. އަދި ޤުރުއާން ބާވާލެއްވުނީ ރޯދަމަހުން ސައުވީސް ދުވަސް ދިޔުމަށްފަހުގައެވެ."

އަދި ޖާބިރު ބިން ޢަބްދުﷲގެ ޙަދީޘްގައި ޒަބޫރު ބާވާލެއްވުނީ ރޯދަމަހުން 12 ދުވަސް ދިޔުމަށްފަހުގައި ކަމުގައި ރިވާވެގެންވާ ކަމަށް ތަފުސީރު އިބުނު ކަޘީރުގައި ޒިކުރުވެފައިވެއެވެ.

އަދި އިބުނު ކަޘީރު ރަޙިމަހުﷲ މިއާޔަތުގެ ތަފުސީރުގައި ވިދާޅުވެފައިވެއެވެ.

"އިބުނު ޢައްބާސް ރަޟިޔަﷲ އަންހު ވިދާޅުވެފައިވެއެވެ. ދުނިޔޭގެ އުޑަށް އެއްކޮށް އެއްފަހަރާ ކީރިތި ޤުރުއާން ބާވާލެއްވުނީ ރޯދަމަހު ލައިލަތުލް ޤަދުރި ވިލޭރޭގައެވެ."

އަދިވެސް ވިދާޅުވެފައިވެއެވެ. "އެޔަށްފަހު މީސްތަކުންގެ މައްޗަށް 20 އަހަރުން (އެބަހި 23 އަހަރުން) މީސްތަކުންގެ ބަސްތަކަށް ޖަވާބު ދިނުމަށްޓަކައި ބާވާލެއްވުނެވެ"

ށ. އެޤުރުއާން ބާވާލެއްވުނީ ހިދާޔަތާއި ޙައްޤާއި ބާތިލުވަކިކޮށްދެނިވި ދަލީލުތަކެއްގެ ގޮތުގައިއެވެ.

ﷲ ވަޙީކުރައްވާފައިވެއެވެ. (شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ)

މާނައީ: " ރަމަޟާން މަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވި މަހެވެ. (އެ ޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި ހިދާޔަތާއި ޙައްޤާއި ބާޠިލު ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. "

އެހެންކަމުން އެޤުރުއާން ރޯދަމަހު ބާވާލެއްވި ބޭނުން މިތަނުގައި ﷲ ވަޙީކުރައްވާ މިއަންގަވަނީއެވެ. އަދި ބަޤަރާ ސޫރަތުގެ ދެވަނަ އާޔަތުގައި ﷲ ވަޙީކުރެއްވިއެވެ.

(ذَٰلِكَ الْكِتَابُ لَا رَيْبَ، فِيهِ، هُدًى لِّلْمُتَّقِينَ)

މާނައީ: "މިއީ އެފޮތެވެ (ޤުރުއާނެވެ) އެފޮތާއި މެދު އެއްވެސް ޝައްކެއްނެތް ފޮތެވެ. އަދި ތަޤުވާވެރިވާ މީހުންނަށްވާ ހިދާޔަތެކެވެ."

އެހެންކަމުން މިފޮތާއި މެދު ވިސްނާ ފިކުރުކުރުމަކީ ހިދާޔަތު ލިބި އަދި ޙައްޤާ ބާތިލު ވަކިވެގެންދާނެ ކަމަށްކަން މިކަމުން އެނގިގެންދެއެވެ. އިމާމު އިބުނު ކަޘީރު އެބަހުގެ މުރާދުގައި ވިދާޅުވެފައިވެއެވެ. "އެބަހީ ދަލީލުތަކެކެވެ. އަދި ބަޔާންވެގެންވާ ސާފުވެގެންވާ މަތިވެރިވެގެންވާ ޙުއްޖަތްތަކެކެވެ."

އަދިވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އެފޮތުގެ އާޔަތްތަކާއި މެދު ވިސްނާ ފިކުރުކޮށް ތަދައްބުރުކުރުމަށް އަންގަވާފައެވެ. ﷲ ވަޙީކުރައްވާފައިވެއެވެ.

(كِتَابٌ أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ أُولُو الْأَلْبَابِ ) سورة ص: 29

މާނައީ: " (މިއީ) ކަލޭގެފާނަށް ތިމަންރަސްކަލާނގެ ބާވައިލެއްވި ބަރާކާތްތެރި ފޮތެކެވެ. (އެއީ) އެއުރެން އެ ފޮތުގެ އާޔަތްތަކުގެ މާނަތަކާމެދު ވިސްނައި ފިކުރުކުރުމަށެވެ. އަދި ބުއްދީގެ އަހުލުވެރިން (އެއިން) ނަޞީޙަތްލިބިގަތުމަށެވެ."

އެހެންކަމުން ރޯދަމަހަކީ ޤުރުއާން ކިޔަވައި އެފޮތަށް ވިސްނާ ތަދައްބުރު ކުރާ މަހަކަށް އަޅުގަނޑުމެން ހަދަން ޖެހެއެވެ. އެހެނީ އެކަން ހިމެނެނީ ރޯދަމަހުގެ ޚާއްޞިއްޔަތުގެ ތެރެއިންނެވެ.

ނ. އެޔަށް ފަހު ރޯދަމަހުގެ ޙުކުމްތައް އިޖުމާލީކޮށް މިއާޔަތުގައި ޒިކުރުކޮށްފައިވެއެވެ. އަދި އެގޮތުން ރަށުގައި ޙާޒިރުވެ ހުންނަ މީހާ ރޯދަހިފައި އަދި އަދި ބަލިމީހުންނާއި ދަތުރުވެރިންނަށް އެކަމުގައި ޢުޒުރު ލިބިގެންވާކަން އަންގަވައި އެހެން ދުވަސްތަކަކުންވެސް ހިފިދާނެކަން ބަޔާންކުރައްވާފައިވެއެވެ. އެއީ ﷲގެ ރަޙުމަތާއި ފަސޭހަކޮށްދެއްވުމެވެ. އަދި އޭގެ ތެރޭގައި ބަނޑުބޮޑު މީހުންނާއި އަދި ކިރުދޭ މީސްތަކުންވެސް ވަދެގެންދާނެއެވެ. މ އަދި ރޯދަމަސް ނިމުމުން ޢީދުގައި ތަކުބީރުކިޔައި ހެދުމަށް އަންގަވާފައިވެއެވެ. އެހެނީ މިހުރިހާ ކަންކަމަކީ ﷲގެ ހިދާޔަތާއި ރަޙުމަތާއި އެއިލާހުގެ އޯގާވަންތަކަމުން ކުރެވޭ ހެޔޮ ޢަމަލުތަކެވެ. އެހެންކަމުން އެއިލާހަށް ޝުކުރުވެރިވުން ޙައްޤުވެގެންވެއެވެ.

ރ. ރޯދަމަހަށް ރޯދަމަސް ކިޔުނު ސަބަބު.

ތަފްސީރު ޤުރުތުބީގައި އިމާމު ޤުރުތުބީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އެންމެ ފުރަތަމަ ރަމަޟާންމަހު ރޯދަހިއްޕެވީ ނޫޙު ޢަލައިހިއްސަލާމެވެ. އެއީ ނަވާއި އެކު މިންޖުވުމަށްފަހުގައެވެ.

އިމާމު ޤުރުތުބީ ރަޙިމަހުﷲ މަތީގައިވާ އާޔަތުގެ ތަފުސީރުގައި ވިދާޅުވެފައިވެއެވެ.

(إنما سمي رمضان لأنه يرمض الذنوب أي يحرقها بالأعمال الصالحة)

"ރަމަޟާން މަހަށް ރަމަޟާން އޭ ކިޔުނީ ފާފަތައް ހެޔޮ ޢަމަލުތަކުން އަންދާލާތީއެވެ."  ސަބަބަކީ ރަމަޟާން އެބަސް ނެގިފައިވަނީ އަންދާލުން މިބަހުގެ އަޞްލުންނެވެ.

އިޖުމާލީކޮށް އެއާޔަތުގެ ތަފުސީރު ނިމުނީ.

والله أعلم و صلى الله وسلم على نبينا محمد و آله و صحبه أجمعين.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ