ދުނިޔޭގެ އެކި ޤައުމުތަކުން ނިއކްލިޔަރ ހަތިޔާރަށް ކުރާ ހޭދަ ރެކޯޑު މިންވަރަކަށް އުފުލިފައިވާ ކަމަށް ނިއުކްލިޔަރ ހަތިޔާރާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމްޢިއްޔާއަކުން ނެރުނު ރިޕޯޓެއްގައި ބުނެފިއެވެ. ދުނިޔޭގައި ނިއުކްލިޔަރ ހަތިޔާރު ގެންގުޅޭ ނުވަ ޤައުމުން، 2025 ވަނަ އަހަރުގެ ތެރޭގައި ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް އިތުރު 16.8 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އެ ޖަމްޢިއްޔާގެ ރިޕޯޓުން ދައްކައެވެ.
ބާކީ ތިބި އަށް ޤައުމާ ނުބައްދަލު މިންވަރަށް ނިއުކްލިޔަރ ހަތިޔާރު އުފެއްދުމަށް އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އެމެރިކާއިންނެވެ. އެމެރިކާއިން މިދިޔަ އަހަރުގެ ތެރޭގައި އެކަނިވެސް 69.2 ބިލިއަން އެމެރިކާ ޑޮލަރު ނިއުކްލިޔަރ ހަތިޔާރަށް ހޭދަކޮށްފައިވެއެވެ. މި ލިސްޓުގެ ދެވަނައިގައި އޮތް ޗައިނާއިން ނިއުކްލިޔަރ ހަތިޔާރު އިތުރުކުރުމަށް 13.5 ބިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާއިރު، އިނގިރޭސިވިލާތުން 12.6 ބިލިއަން ޑޮލަރު، ރަޝިޔާއިން 9.5 ބިލިއަން ޑޮލަރު، އަދި ފަރަންސޭސިވިލާތުން 7.7 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފައެވެ.
އެ ޖަމްޢިއްޔާއިން ބުނި ގޮތުގައި، ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ޤައުމުތަކުން ޖުމްލަ 471 ބިލިއަން އެމެރިކާ ޑޮލަރު ނިއުކްލިޔަރ ހަތިޔާރުގެ އެކި ބޭނުންތަކަށް ވަނީ ހޭދަކޮށްފައެވެ. އަދި މި ޤައުމުތަކުން ނިއުކްލިޔަރ ހަތިޔާރު އިތުރުކުރަން މި މިންވަރަށް ހޭދަ އިތުރުކޮށްފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޙާލުގައި ޖެހިފައި ތިބި އެތައް މިލިއަން މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ކުރާ ހޭދަ ވަރަށް ބޮޑަށް މަދުކޮށްފައިވާ ދަނޑިވަޅެއްގައިކަން ވެސް އެ ރިޕޯޓުގައި ކަންބޮޑުވުމާއެކު ފާހަގަކޮށްފައިވެއެވެ.


