"އަންރުވާ ޕްލެޖިންގް ކޮންފަރެންސް"ގައި، ފޮޓޯ: ފޮރިން މިނިސްޓްރީ

ފަލަސްޠީނަށް ރާއްޖެއިން މިއަހަރުވެސް 50،000 ޑޮލަރުގެ އެހީއެއް ދެނީ

ފަލަސްޠީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ބޮޑު ކާރިސާއިން އަރައިގަތުމަށް އެހީވުމުގެ ގޮތުން، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްޓައިން ރެފިއުޖީސް (އަންރުވާ) މެދުވެރިކޮށް މިއަހަރުވެސް 50،000 އެމެރިކާ ޑޮލަރު (ގާތްގަނޑަކަށް 7.7 ލައްކަ ރުފިޔާ) ގެ މާލީ އެހީއެއް ދިނުމަށް ދިވެހި ސަރުކާރުން ނިންމައިފިއެވެ.

މިކަން އިޢުލާންކުރައްވާފައިވަނީ ބުދަ ދުވަހު އދ. ގެ މައިމަރުކަޒުގައި ބޭއްވި "އަންރުވާ ޕްލެޖިންގް ކޮންފަރެންސް" ގައެވެ. ރާއްޖޭގެ ފަރާތުން މި އެހީ އިޢުލާންކޮށްދެއްވީ ދިވެހިރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ޢަލީ ނަސީރު މުޙައްމަދެވެ.

އަންރުވާ މެދުވެރިކޮށް ކުރިން ރާއްޖެއިން ކޮންމެ އަހަރަކު ދެމުން އައީ 5،000 ޑޮލަރެވެ. ނަމަވެސް، ފަލަސްޠީނުގެ ޙާލަތު ގޯސްވަމުންދިއުމާ ގުޅިގެން 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ މި އެހީގެ އަދަދު 50،000 ޑޮލަރަށް (10 ގުނަ) އިތުރުކުރައްވާފައެވެ. (ނޯޓް: ފޮނުއްވި ޚަބަރުގެ ފުރަތަމަ އިބާރާތުގައި 50،000 ރުފިޔާ ލިޔެވިފައި އޮތް ނަމަވެސް، ރާއްޖެއިން ދޭން ނިންމާފައިވަނީ 50،000 ޑޮލަރެވެ).

މި ކޮންފަރެންސްގައި ޑރ. ޢަލީ ނަސީރު ދެއްކެވި ވާހަކަފުޅުގައި، އަންރުވާއަށް އެހީވުމަކީ ހަމައެކަނި މާލީ ނިންމުމެއް ނޫންކަމަށާއި، އެއީ އިންސާނީ ކަރާމާތާއި ބައިނަލްއަޤުވާމީ ޤަވާއިދުތައް ޙިމާޔަތްކުރުމާ ގުޅިފައިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި އަންރުވާއާ ދެކޮޅަށް ކުރާ ދޮގު ތުހުމަތުތަކަށް ރައްދުދެއްވައި، އެ އެޖެންސީގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢަށް ރާއްޖެއިން ގޮވާލެއްވިއެވެ.

އަންރުވާއަކީ ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީވުމަށް އދ. އިން 1948 ވަނަ އަހަރު ފާސްކުރި ޤަރާރަކުން އުފެއްދި ޖަމްޢިއްޔާއެކެވެ. ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ކަށަވަރުކުރުމަށް ދުނިޔޭގެ އެކި ޕްލެޓްފޯމްތަކުގައި ރާއްޖެއިން އަބަދުވެސް ދަނީ ވަކާލާތުކޮށް އަޑުއުފުލަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ