ޖަރުމަނުވިލާތުގައި ހޫނުގަދަވުމުގެ ސަބަބުން މި އަހަރުގެ މިހާތަނަށް 5،120 މަރު ރެކޯޑުކޮށްފައިވާ ކަމަށް ރޮބާޓް ކޮޗް އިންސްޓިޓިއުޓް (އާރުކޭއައި)އިން ބުނެފިއެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވެފައި ވަނީ ފިނިހޫނުމިން އާދަޔާޚިލާފަށް މަތިވި ޖޫން މަހުގެ ފަހުކޮޅުގައެވެ. އަދި މަރުވި މީހުންގެ ތެރެއިން 4،270 އަކީ އުމުރުން 75 އަހަރުން މަތީގެ މީހުންނެވެ.
ޖަރުމަނުގެ އިތުރުން ވިލާތުގެ އެހެން ގައުމުތަކަށް ވެސް މި އަހަރުގެ ޖޫން މަހު ވަނީ ބޮޑު ހީޓްވޭވްއަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ފަރަންސޭސިވިލާތް، ބެލްޖިއަމް، ސްޕެއިން އަދި ނެދަލެންޑްސްގައި ވެސް އާންމުކޮށް މީހުން މަރުވާ ނިސްބަތަށްވުރެ 4،700 އިތުރު މަރު ވަނީ ރެކޯޑުކުރެވިފައެވެ.
ސިއްހީ މާހިރުން ފާހަގަކުރާ ގޮތުގައި އާދަޔާޚިލާފަށް ހޫނުގަދަވުމަކީ އުމުރުން ދުވަސްވީ މީހުންނާއި ބަލިމީހުންނަށް ހާޓްއެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުވެ، ކިޑްނީ ފޭލްވުން ފަދަ ނުރައްކާތެރި ސިއްހީ މައްސަލަތައް ނުސީދާ ގޮތެއްގައި މެދުވެރިވާ ކަމެކެވެ.


