ޒުވާން ޚަތީބުން ތަމްރީނުކުރުމުގެ 5ވަނަ ބުރުގެ އޮޑިޝަން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ 5 ވަނަ ބުރުގެ އޮޑިޝަންތައް ފަށައިފި

ރަށްރަށަށް ދިމާވެފައިވާ ޚަޠީބުން ލިބުމުގެ ދަތިކަމަށް ޙައްލެއް ހޯދުމަށް ކުރިއަށްގެންދާ "ޒުވާން ޚަޠީބުން" ޕްރޮގްރާމުގެ 5 ވަނަ ބުރުގެ އޮޑިޝަންތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ 5 ވަނަ ބުރުގައި ޖުމްލަ 80 ޒުވާނުން ތަމްރީނުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ މާލެ ސަރަޙައްދުން 40 ކުދިން އަދި އަތޮޅުތަކުން 40 ކުދިންނެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވި ގޮތުގައި، މާލެ ސަރަޙައްދުގެ އޮޑިޝަންތައް މި މަހުގެ 12 އިން 20 އަށް ކުރިއަށްދާއިރު، އިއްޔެ އެކަނިވެސް 22 ކުއްޖަކު އޮޑިޝަނުގައި ބައިވެރިވެފައިވެއެވެ. އަދި އަތޮޅުތެރޭގެ ރަށްރަށުން ބައިވެރިވާ ކުދިންގެ އޮޑިޝަންތައް ކުރިއަށްދާނީ މި މަހުގެ 15 އިން 20 އަށެވެ.

މި ބުރުގެ ތަމްރީނު ޕްރޮގްރާމްތައް މި މަހުގެ 23 އިން 30 އަށް ކުރިއަށްގެންދަން ނިންމާފައިވާއިރު، އަތޮޅުތަކުން ބައިވެރިވާ ކުދިންގެ ތަމްރީނުތައް ކުރިއަށްދާނީ އޮންލައިންކޮށެވެ.

މި ޕްރޮގްރާމަކީ ގްރޭޑް 10، 11 އަދި 12 އެއްގައި ކިޔަވަމުންދާ ދަރިވަރުންނަށާއި، ސްކޫލް ނިމިފައިވާ 18 އަހަރު ނުފުރޭ ޒުވާނުންނަށް ޚާއްޞަކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މިހާތަނަށް މި ޕްރޮގްރާމުގެ 4 ބުރެއް ނިންމައި، 600 އަށްވުރެ ގިނަ ޒުވާނުން ވަނީ ޚަޠީބުކަމުގެ ސަނަދު ޙާޞިލުކޮށްފައެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބޮޑު އަމާޒަކީ މި މަޝްރޫޢުގެ ދަށުން ޖުމްލަ 1,000 ޒުވާން ޚަޠީބުން ތަމްރީނުކޮށް މުޖުތަމަޢަށް ނެރުމެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ