ރަށްރަށުގެ ކުޅިވަރު ވަޞީލަތްތައް ތަރައްޤީކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ހދ. ފިނޭގައި ޤާއިމުކުރި ވޮލީ ކޯޓުގެ ޢަމަލީ މަސައްކަތްތައް މުޅިން ނިންމާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ޙަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫޢުގެ ހުރިހާ މަސައްކަތްތަކެއް އެއްކޮށް ނިންމާލާފައިވަނީ 28 ޖޫން 2026 ގައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށާއި، ރަށްރަށުގައި ތިބި ހުނަރުވެރި ކުޅުންތެރިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް ދެއްވާ ޚާއްޞަ އަހައްމިއްޔަތުގެ ދަށުން ނިންމުނު މުހިންމު މަޝްރޫޢެކެވެ.
Project Update: Construction of Volley Court at HDh. Finey
Turf laying completed.
Follow more updates at: https://t.co/SfVAzkVuzR#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/Rd82Z6BKxq
— MTCC Plc (@MTCCPlc) July 13, 2026
މި ވޮލީ ކޯޓުގެ މަސައްކަތް ނިމުމާ ގުޅިގެން، އެ ރަށު ކައުންސިލުން މިހާރު އަންނަނީ "ފިނޭ ކައުންސިލް މިނިވަން ވޮލީ މުބާރާތް 2026″ ގެ ނަމުގައި އެއް ދުވަހުގެ ވޮލީ މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންނެވެ. އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ވަކިން ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ރަށުގެ ޒުވާނުންގެ ހުނަރު ދައްކާލުމަށް ލިބޭނެ ރަނގަޅު ފުރުޞަތެކެވެ.
ވޮލީ ކޯޓުގެ އިތުރުން، ފިނޭގެ ރައްޔިތުންގެ ދުޅަހެޔޮކަމަށްޓަކައި ކުޅިވަރުގެ އިތުރު މަޝްރޫޢެއް ވެސް އެ ރަށުގައި މިހާރު ދަނީ ކުރިއަށްދަމުންނެވެ. އެގޮތުން، އެ ރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ޢިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާކަން ފާހަގަކުރެވެއެވެ.


