މިއަހަރުގެ މިހާތަނަށް ކައުންސިލުތަކަށް ދޭ ބްލޮކް ގްރާންޓުގެ ގޮތުގައި 1.25 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ "ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓް ރިޕޯޓް" އަށް ބަލާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 16.8 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކައުންސިލުތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކޮށްފައިވަނީ 1.07 ބިލިއަން ރުފިޔާއެވެ.
މިއަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ކައުންސިލުތަކަށް ޖުމްލަ 2.47 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ފާއިތުވި އަހަރުތަކަށް ބަލާއިރު، 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާ ބަޖެޓުކުރި ނަމަވެސް، ބަޖެޓުގެ އިތުރަށް 8 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އަދި އޭގެ ކުރީ އަހަރުވެސް ކައުންސިލުތަކަށް 2.2 ބިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.
ދިވެހިރާއްޖޭގައި 2020 ވަނަ އަހަރުން ފެށިގެން ކައުންސިލުތަކަށް ފައިސާ ދޫކުރަނީ ދައުލަތުގެ އާމްދަނީއަށް ބިނާކޮށް ކަނޑައަޅާ ފިސްކަލް ފޯމިއުލާއެއްގެ ދަށުންނެވެ. މިގޮތުން ފައިސާ ދޫކުރުމުގައި އެންމެ ބޮޑު އަދަދެއް ލިބެނީ ސިޓީ ކައުންސިލުތަކަށެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވަނީ މާލޭ ސިޓީ ކައުންސިލަށެވެ.
ކައުންސިލުތަކަށް ދޭ އެހީގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން މިހާރު އަތޮޅު ކައުންސިލުތައް އުވާލާފައިވާއިރު، ރަށު ކައުންސިލުތަކާއި ސިޓީ ކައުންސިލުތަކަށް ލިބޭ ގްރާންޓުގެ އިންސައްތަ އިތުރުވާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.
މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ކައުންސިލުތަކަށް ބަޖެޓު ކަނޑައެޅުމުގައި ހަމައެކަނި އާބާދީއަށް ބެލުމުގެ ބަދަލުގައި، ރަށުގެ ބިމުގެ ބޮޑުމިނަށް ބަލައިގެން ފައިސާ ދޫކުރާ ގޮތަށް އުސޫލު ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ސަރުކާރުން ދެކޭގޮތުގައި މި ބަދަލަކީ ކައުންސިލުތަކުގެ މާލީ ތަނަވަސްކަން އިތުރުކޮށް، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތައް މިހާރަށްވުރެ ހަރުދަނާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.


