އަލުން ވިސްނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަނބުރާ ފޮނުއްވާފައިވާ އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓު ކުރުމާގުޅޭ ބިލަށް މައިގަނޑު 3 އިސްލާހެއް ގެނެސް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ބިލު ތަންފީޒުކުރުމުގައި ދިމާވެދާނެ ދަތިތަކަށް ރިއާޔަތްކުރައްވައި ރައީސް ފޮނުއްވި އިސްލާހުތަކާއެކު މި ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 58 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލަށް ގެނައި މައިގަނޑު އިސްލާހުތައް:
1. ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތް ހެދުން: ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ މީހުންނާއި، ކުށުގެ ތުހުމަތުގައި ނުވަތަ ހުކުމް ތަންފީޒުކުރަމުންދާ ގައިދީންނަށް ގުނަވަން ހަދިޔާ ނުކުރެވޭ ގޮތަށް ޝަރުތުތައް ވަނީ ބަދަލުކޮށްފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި ބަންދުގައި ތިބޭ މީހުންނަކީ މިނިވަންކަން ގެއްލިފައިވާ ބަޔަކަށް ވުމުން، އެއްވެސް މަޖުބޫރުކަމެއް ނެތް ފުރިހަމަ ރުހުން އެފަދަ ކަމެއްގައި އެ މީހުންނަށް ނުދެވޭނެއެވެ.
2. ކުށުގެ އަދަބުތައް ބަދަލުކުރުން: ރުހުމާ ނުލައި ގުނަވަން ނެގުމާއި ޤާނޫނާ ޚިލާފަށް ޓްރާންސްޕްލާންޓް ކުރުމުން ދޭން ކުރިން އޮތް ޤިޞާޞް ހިފުމާއި ދިޔަ ދިނުމުގެ ބައި ވަނީ އުނިކޮށްފައެވެ. އޭގެ ބަދަލުގައި އެފަދަ ކުށެއް ކޮށްފިނަމަ 150,000 ރުފިޔާއާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކޮށް، 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ވަނީ ކަނޑައަޅާފައެވެ.
3. ޤަވާއިދު ހެދުމާއި އަމަލުކުރާ މުއްދަތު ކަނޑައެޅުން: ޤާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކުރާތާ 180 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ. އަދި ޤާނޫނަށް އަމަލުކުރަން ފަށާތާ 180 ދުވަހުގެ ތެރޭގައި ޤަވާއިދުތައް ހަދަންޖެހޭ ގޮތަށް މާއްދާތައް އިސްލާހުކޮށް، ޤާނޫނަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި "އޯގަން ޓްރާންސްޕްލާންޓް ކައުންސިލް" އުފައްދަންޖެހޭނެ ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.


