މަތިވެރީގެ މަތިން ނަގާފައިވާ ފޮޓޯއެއް

37 ރަށެއްގެ މީރު ފެން ފަށަލައިގެ ހާލަތު ދެނެގަތުމަށްކުރި ދިރާސާ ނިންމާލައިފި

ރާއްޖޭގެ ރަށްރަށުގެ މީރު ފެން ފަށަލައިގެ ހާލަތު ދެނެގަތުމަށް ކުރިއަށްގެންދާ ޤައުމީ ސިޔާސަތުގެ ދަށުން، މިހާތަނަށް 37 ރަށެއްގެ ތަފްޞީލީ ދިރާސާ (ޑީޓެއިލްޑް އެސެސްމަންޓް) ނިންމާލާފައިވާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވުޒާރާގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު މުސްޠަފާ ވިދާޅުވީ، އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގެ ފެން ފަށަލައިގެ ހާލަތު ދެނެގަތުން ކަމަށެވެ.

މި ދިރާސާތަކުން ބިންބޮޑެތި ރަށްރަށުގައި ރަނގަޅު މިންވަރަކަށް މީރުފެނުގެ ގުދުރަތީ ރިޒާވެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް މުސްޠަފާ ވިދާޅުވިއެވެ. މި މަސައްކަތުގައި މީރުފެން ފަށަލައިގެ ބޯމިނާއި، ފެން ލޮނުވެފައިވާ މިންވަރުގެ އިތުރުން ބިމަށް ނަޖިސް ހިނދުމުގެ ސަބަބުން ފެން ތަޣައްޔަރުވެފައިވާ މިންވަރު ބަލާފައިވެއެވެ. އަދި ބިމަށް ނަޖިސް ހިނދުން ހުއްޓުވުމަކީ ފެންފަށަލަ ޙިމާޔަތްކުރަން މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއަށްފަހު ރަށްރަށުގެ ފެން ފަށަލައަށް ބޮޑެތި ބަދަލުތަކެއް އައިސް، ފެނުގެ ރަހައާއި ކުލައަށް ބަދަލުވުމުގެ ޝަކުވާ ބޮޑުވެފައިވާއިރު، އާބާދީ އިތުރުވުމާއި ބިމަށް ފެން ހިންދާ ގޮތްތަކުގެ ސަބަބުންވެސް ފެން ފަށަލައަށް ދަނީ އަސަރުކުރަމުންނެވެ. ސަރުކާރުން ދަނީ މި ފަށަލަތައް ޙިމާޔަތްކުރުމާއެކު، ރަށްރަށަށް އަސާސީ ޚިދުމަތެއްގެ ގޮތުގައި ފެނާއި ނަރުދަމާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ