ލިއޮނަލް މެސީ ވަނީ އޭނާގެ ކާމިޔާބީން ފުރިގެންވާ ފުޓްބޯޅަ ކެރިއަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައެވެ. ނަމަވެސް، އާޖެންޓީނާގެ އުމުރުން 39 އަހަރުގެ މި ލެޖެންޑް ދުވަހަކުވެސް އިންގްލޭންޑާ ދެކޮށް ކުޅެފައެއް ނުވެއެވެ.

މެސީ ފުރަތަމަ ފަހަރަށް އިންގްލޭންޑާ ދެކޮޅަށް: ވޯލްޑް ކަޕް ސެމީ ފައިނަލުގެ ތާރީޚީ ކުރިމަތިލުން

ލިއޮނަލް މެސީ ވަނީ އޭނާގެ ކާމިޔާބީން ފުރިގެންވާ ފުޓްބޯޅަ ކެރިއަރުގައި ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްފައެވެ. ނަމަވެސް، އުމުރުން 39 އަހަރުގެ އާޖެންޓީނާގެ މި ލެޖެންޑް ދުވަހަކުވެސް އިންގްލޭންޑާ ދެކޮޅަށް ކުޅެފައެއް ނުވެއެވެ. އެންމެ ފަހުން އޭނާއަށް އެ ފުރުޞަތު މި ބުދަ ދުވަހު ކުޅޭ ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގައި ލިބޭނެއެވެ.ގްރޫޕް ސްޓޭޖުގައި އަލްޖީރިއާ އަތުން އާޖެންޓީނާ މޮޅުވި މެޗުގައި މެސީ ވަނީ ޤައުމީ ޓީމަށް 200 ވަނަ މެޗު ކުޅެދީފައެވެ. އަދި އޭނާގެ އުންމީދަކީ އޭނާގެ ޤައުމު އަނެއްކާވެސް ވޯލްޑް ކަޕްގެ ފައިނަލަށް ގެންގޮސްދިނުމެވެ.

2005 ވަނަ އަހަރު އުމުރުން އެންމެ 18 އަހަރުގައި ކުޅެންފެށި އާދަޔާޚިލާފު ހުނަރުވެރި މި ޕްލޭމޭކަރު މިހާރު ދަނީ  ބައިނަލްއަޤްވާމީ ކެރިއަރުގެ އެންމެ ފަހު ދުވަސްތައް ގުނަމުންނެވެ.

2004ވަނަ އަހަރުގެ ފަހުކޮޅު ބާސެލޯނާގެ ސީނިއާ ޓީމުން ޖާގަ ހޯދުމަށްފަހު، މެސީ ވަނީ ނެދަލޭންޑްސްގައި ބޭއްވި 20 އަހަރުން ދަށުގެ ވޯލްޑް ކަޕް އާޖެންޓީނާއަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.

އެ އަހަރުގެ އޮގަސްޓް މަހު ބުޑަޕެސްޓްގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައި، އޭރުގެ ކޯޗު ހޯސޭ ޕެކަރމަން މެސީއަށް ޤައުމީ ޓީމުން ފުރަތަމަ ފަހަރަށް ފުރުޞަތު ދިނެވެ. މެޗުގެ 64 ވަނަ މިނެޓުގައި ލިސަންދްރޯ ލޮޕޭޒްގެ ބަދަލުގައި ކުޅެން އަރައި، އޭނާ ގުޅުނީ ހަނާން ކްރެސްޕޯއާ އެކު ފޯވާޑް ލައިނަށެވެ.

ނަމަވެސް، ކުޅެން އެރިތާ އެންމެ 90 ސިކުންތު ފަހުން، އުޅަނބޮށިން ޖެހިކަމަށް ރެފްރީއަށް ފެނުނު ހާދިސާއަކާ ގުޅިގެން އޭނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއެވެ. މިއީ އޭނާގެ ޤައުމީ ކެރިއަރު ފެށުމަށް ދިމާވި ވަރަށް ހިތާމަވެރި އަދި ލަދުވެތި ކަމެކެވެ. "ޤައުމީ ޓީމަށް އަލަށް ކުޅެދޭ، އަދި އެތައް އުންމީދުތަކެއް ހުރި 18 އަހަރުގެ ކުއްޖަކަށް އެފަދަ ބޮޑު އަދަބެއް ދީގެން ނުވާނެ. ރެފްރީ މިއަށްވުރެ ބޮޑަށް ވިސްނަންޖެހޭނެ،" ކްރެސްޕޯ ބުނެފައިވެއެވެ.

މިއަދު މެސީ އެ ހާދިސާއާ މެދު ވިސްނާލާފައި ހީލަފާނެއެވެ. ނަމަވެސް އެ ރަތް ކާޑުގެ ސަބަބުން، އޭގެ ތިން މަސް ފަހުން ޖެނީވާގައި އިންގްލޭންޑާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުން އޭނާ ސަސްޕެންޑްކުރިއެވެ.

އޭގެ ފަހުން މި ދެ ޤައުމު ބައްދަލުކޮށްފައެއް ނުވެއެވެ. އެހެންކަމުން، މެސީ އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް އިންގްލޭންޑާ ދެކޮޅަށް ކުޅޭނީ އެޓްލާންޓާގެ މާސިޑީޒް-ބެންޒް ސްޓޭޑިއަމްގައެވެ.

"އަހަރެން އިންގްލޭންޑް ފިޔަވައި ހުރިހާ ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅެފިން. މިއީ ވަރަށް ޚާއްޞަ މެޗަކަށް ވާނެ، ސަބަބަކީ އެއީ ފުޓްބޯޅައިގެ ބޮޑު ބާރެއް. އަދި އެފަދަ ޓީމަކާ ދެކޮޅަށް، ޚާއްޞަކޮށް ވޯލްޑް ކަޕްގެ ސެމީ ފައިނަލެއްގައި ކުޅުމަކީ އަބަދުވެސް ލިބޭ ބޮޑު އުފަލެއް،" ކުއާޓާ ފައިނަލުގައި ކެންސަސް ސިޓީގައި ސްވިޒަލޭންޑް އަތުން އާޖެންޓީނާ މޮޅުވި މެޗަށްފަހު މެސީ ބުންޏެވެ.

މަރަޑޯނާގެ ފިޔަވަޅުމަތިން

މީގެ ހަތަރު އަހަރު ކުރިން ޤަތަރުގައި އާޖެންޓީނާއަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދީ، ލެޖެންޑް ޑިއޭގޯ މަރަޑޯނާގެ ފިޔަވަޅުމަތިން ހިނގި މެސީގެ އުންމީދަކީ، އޭނާގެ ކުރިން ދިޔަ މަރަޑޯނާ ފަދައިން އިންގްލޭންޑާ ދެކޮޅަށް ތާރީޚީ ކުޅުމެއް ދެއްކުމެވެ.

މި ދެ ޤައުމުގެ ކުރިމަތިލުމަކީ 1986 ވަނަ އަހަރު މެކްސިކޯ ސިޓީގެ އެސްޓާޑިއޯ އަޒްޓެކާގައި ކުޅުނު ކުއާޓާ ފައިނަލް މެޗުގެ ހަނދާންތައް އާކޮށްދޭ ކަމެކެވެ. އެ މެޗުގައި މަރަޑޯނާ ވަނީ އަތުން ޖަހައި 'ހޭންޑް އޮފް ގޯޑް' ލަނޑުން މެޗުގެ ފުރަތަމަ ގޯލް ޖަހައި، އޭގެ ފަހުން އިންގްލޭންޑްގެ ދިފާޢީ ކުޅުންތެރިން ކަޓުވާލުމަށްފަހު ދެވަނަ ލަނޑު ޖަހާފައެވެ. މިއީ ފަހަރުގައި ވޯލްޑް ކަޕްގެ ތާރީޚުގައި ފެނުނު އެންމެ މޮޅު ލަނޑެވެ.

މެސީ އަދި އެފަދަ ލަނޑެއް ނުޖަހައެވެ. ނަމަވެސް މި މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އައިއިރު، އޭނާ ވަނީ ވޯލްޑް ކަޕްގެ ތާރީޚުގައި އެހެން އެއްވެސް ކުޅުންތެރިއަކަށްވުރެ ގިނަ ލަނޑު ޖަހާފައެވެ.

ވޯލްޑް ކަޕްގައި ރެކޯޑް 32 މެޗުން 21 ލަނޑު ޖަހައިގެން، އޭނާ ހުރީ ކުއާޓާ ފައިނަލްތަކަށްފަހު ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭއަށްވުރެ އެއް ލަނޑު ކުރީގައެވެ.

އިންޓަ މިއާމީގެ މި ކުޅުންތެރިޔާ ވަނީ ސްވިޒަލޭންޑް މެޗުގެ ކުރިން ޖެހިޖެހިގެން 9 ވޯލްޑް ކަޕް މެޗުގައި ލަނޑު ޖަހާފައެވެ. ނަމަވެސް ސްވިޒަލޭންޑް މެޗުގައި އޭނާ ވަނީ ލަނޑު ޖެހުމުގެ ޒިންމާ ޖޫލިއަން އަލްވަރޭޒް ފަދަ އެހެން ކުޅުންތެރިންނަށް ދޫކޮށްލާފައެވެ.

އާޖެންޓީނާ މިހާރު އޮތީ އަނެއްކާވެސް ވޯލްޑް ކަޕް ފައިނަލާ އެންމެ މެޗަކާ ދުރުގައެވެ. އެޓީމުގެ އަމާޒަކީ 1962 ވަނަ އަހަރު ބްރެޒިލްގެ ފަހުން، ވޯލްޑް ކަޕް ތަށި ޖެހިޖެހިގެން ދެ ފަހަރު ދިފާޢުކުރި ފުރަތަމަ ޤައުމަށް ވުމެވެ.

މިއީ ފާއިތުވި ހަތަރު ވޯލްޑް ކަޕްގެ ތެރެއިން އެޓީމު ކުޅޭ ތިންވަނަ ފައިނަލަށް ވާނެއެވެ. އަދި މެސީއަށް ބްރެޒިލްގެ ލެޖެންޑް ކަފޫގެ ފިޔަވަޅުމަތިން ހިނގުމުގެ ފުރުޞަތު ލިބޭނެއެވެ. ކަފޫ ވަނީ 1994 އިން 2002 އަށް ޖެހިޖެހިގެން ތިން ފައިނަލް ކުޅެފައެވެ. މަރަޑޯނާވެސް ކުޅުނީ އެންމެ ދެ ފައިނަލެވެ.

"އަނެއްކާވެސް ސެމީ ފައިނަލަކަށް ދިއުމަކީ އާދައިގެ ކަމެއް ނޫން. އެހެންކަމުން މިއީ އަހަރެމެން ހަގީގަތުގައިވެސް އުފާކުރަންޖެހޭ ކަމެއް، ސަބަބަކީ މިއީ ދެން ދުވަހަކުވެސް ވާނެ ކަމެއްކަމެއް ނޭނގޭތީ،" މެސީ ބުންޏެވެ.

އިންގްލޭންޑްގެ ކުޅުންތެރިންވެސް މި މެޗުގެ އުފާ ލިބިގަންނަން ބޭނުންވެއެވެ.

"މިއީ މުޅި އުމުރުގައިވެސް ލިބޭނެ އެންމެ ފުރުޞަތެއް،" ލެފްޓް-ބެކަށް ކުޅޭނެ ކަމަށް ބެލެވޭ އަދި މެސީއާ ދެކޮށް ނުކުންނަން ޖެހޭނެ ނިކޯ އޯރެއިލީ ބީބީސީ ރޭޑިއޯ 5 ލައިވްއަށް ބުންޏެވެ.

"އޭނާ އެހުރީ ކެރިއަރުގެ ނިމުމާ ދިމާލަށް މިސްރާބު ޖަހާފައި. އަހަރެން ޤަބޫލުކުރާ ގޮތުގައި އޭނާއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ. އަހަރެން މިހުރީ މި ގޮންޖެހުމާ ކުރިމަތިލާން ކެތްމަދުވެފައި."

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ