2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ވެފައި މިވަނީ ހަމައެކަނި ދަނޑުމަތީގައި ހަނދާނުން ފޮހެލަން ދަތި މަންޒަރުތަކެއް ފެނިގެންދާ މުބާރާތަކަށް ނޫނެވެ. މިއީ ކުޅުންތެރިން ދުނިޔޭގެ ސޯޝަލް މީޑިއާގެ މަގުބޫލު ތަރިންނަށް ބަދަލުކޮށްލަމުންދާ މުބާރާތެއްވެސް މެއެވެ. މުބާރާތުގައި ވިދާލި ތަރިންނަށް ސަޕޯޓަރުން ދިން ތަރުހީބާއެކު، އެ ކުޅުންތެރިންގެ އިންސްޓަގްރާމް ފޮލޯވަރުންގެ އަދަދު ވަނީ އިންތިހާއަށް މައްޗަށް ގޮސްފައެވެ.
ޔޫކޭގެ ޕްލެޓްފޯމެއް ކަމަށްވާ 'މައިބެޓިންގސައިޓްސް' އިން އެއްކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި ވޯލްޑް ކަޕްގައި ސޯޝަލް މީޑިއާގައި އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ކޭޕް ވާޑްގެ ގޯލްކީޕަރު ވޮޒީނިއާއެވެ. އުމުރުން 40 އަހަރުގެ މި ކީޕަރު، ޖޫން 8 އާއި ޖުލައި 8 އާ ދެމެދު 28 މިލިއަނަށްވުރެ ގިނަ އިންސްޓަގްރާމް ފޮލޯވަރުން ހޯދިއެވެ. މިއީ އެ ކުޑަކުޑަ ޖަޒީރާ ގައުމުން މުބާރާތުގައި ދެއްކި އާދަޔާ ހިލާފު ކުޅުމާ ގުޅިގެން ލިބުނު ކުރިއެރުމެކެވެ.
ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާ، ސްޕެއިން އަދި އުރުގުއޭއާ ދެކޮޅަށް ކުޅެ ބަލިނުވެ ސަލާމަތްވެ، ކޭޕް ވާޑުން ވަނީ ފުޓްބޯޅަ ސަޕޯޓަރުން ހައިރާންކޮށްލާފައެވެ. ގަދަ 32 ގެ ބުރުގައި އާޖެންޓީނާ އަތުން 3-2 އިން އެ ގައުމު ބަލިވީ އިތުރު ވަގުތުގައި ކިރިޔާފަށުންނެވެ. މުޅި މެޗުގައި ތަފާތު މޮޅު އާދަޔާއި ޚިލާފު ކުޅުމެއް ދައްކައި، ވޮޒީނިއާގެ ހުށިޔާރުކަމާއެކު އެ ޓީމުން ވަނީ ވަރުގަދަ ހިތްވަރެއް ދައްކާފައެވެ. އޭނާ ވަނީ ސައުދީ އަރަބިއްޔާ އާއި ސްޕެއިން މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާފައެވެ.
ވޯލްޑް ކަޕްގެ ކުރިން ވޮޒީނިއާގެ އިންސްޓަގްރާމްގައި ތިބީ 32,000 އަށްވުރެ މަދު ފޮލޯވަރުންނެވެ. ނަމަވެސް މިހާރު އޭނާގެ 28 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. މިއީ ގާތްގަނޑަކަށް 89,000 އިންސައްތައިގެ ބޮޑު ކުރިއެރުމެކެވެ. އަދި މިއީ ކޭޕް ވާޑްގެ މުޅި އާބާދީއަށްވުރެ 52 ގުނަ އިތުރު އަދަދެކެވެ. އެ ގައުމުގެ ކާމިޔާބީއާއެކު އެހެން ކުޅުންތެރިންނަށްވެސް ވަނީ ބޮޑު މަގުބޫލުކަމެއް ލިބިފައެވެ.
ނޯވޭގެ އާލިންގ ހާލަންޑަށްވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. 25 އަހަރުގެ މި ފޯވާޑް ވަނީ ހަތަރު މެޗުން ހަތް ލަނޑު ޖަހައި، ނޯވޭއަކީ މުބާރާތުގެ އެންމެ ބޮޑު ސަޕްރައިޒަށް ހެދުމުގައި އެހީތެރިވެދީފައެވެ. އޭނާގެ މޮޅު ކުޅުމާއި ހާއްސަ ސިފަތަކުގެ ސަބަބުން 16 މިލިއަނަށްވުރެ ގިނަ އާ ފޮލޯވަރުން ވަނީ ލިބިފައެވެ. ހާލަންޑުގެ މަޖާޒީ މިޖާޒާއި ފޭނުންނާއެކު ބާއްވާ ގުޅުމާއި، ހުނަރުވެރިކަމުގެ ސަބަބުން އަދިވެސް އެންމެ "ޓްރެންޑިން" ކުޅުންތެރިއެއްގެ ގޮތުގައި ހާލެންޑް ދަނީ ފައިތިލަ ސާބިތުކުރަމުންނެވެ. މިހާރު ހާލެންޑަކީ ރޮނާލްޑޯއާއި ނޭމަރ، މެސީ، އަދި އެމްބާޕޭއާވެސް ވާދަކޮށްލެވޭނެ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ދުނިޔޭގެ ބޮޑު އާބާދީއެއް ގަބޫލުކުރެއެވެ.
އާ ތަރިން ވިދަމުންދާއިރު، ފުޓްބޯޅައިގެ ލެޖެންޑުންގެ މަގުބޫލުކަންވެސް ދަނީ އިތުރުވަމުންނެވެ. ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ، އޭނާގެ އެންމެ ފަހު ވޯލްޑް ކަޕް ކުޅި ނިންމާލިއިރު، 7.3 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ވަނީ އިތުރުވެފައެވެ. މުބާރާތް ފެށުނުއިރުވެސް އޭނާގެ 670 މިލިއަނަށްވުރެ ގިނަ ފޮލޯވަރުން ތިއްބެވެ. ރޮނާލްޑޯއަކީ އެންމެ ގިނަ ފޮލޯވަރުން ތިބި ފުޓުބޯޅަ ތަރިއެވެ. އަދި ހަމަ އެހެންމެ، ރޮނާލްޑޯގެ އިންސްޓަގުރާމް މުޅި ދުނިޔޭންވެސް އެންމެ ގިނަ ފޮލޯވަރުން ތިބި ސޯޝަލް މީޑިއާ އެކައުންޓެވެ. މިއީ އޯގަނިކް ފޮލޯވަރުންކަންވެސް ފާހަގަކޮށްލެވެއެވެ. މި އަދަދުގައި ރޮނާލްޑޯއާއި ގާތްވެސް ކޮށްލެވޭނެ އިތުރު ތަރިއެއް އަދި ނެތެވެ.
މި އަދަދުތަކުން ހާމަވަނީ ވޯލްޑް ކަޕަކީ ހަމައެކަނި ފުޓްބޯޅައިގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ނޫންކަމެވެ. މިއީ ކުޅުންތެރިން ދައްކާ މޮޅު ކުޅުމުގެ ސަބަބުން، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި މުޅި ދުނިޔެއަށް މަޝްހޫރުކަން ހޯދައިދޭ ބައިނަލްއަގުވާމީ މަންސައެއްވެސް މެއެވެ.


