ވޯލްޑް ކަޕް ތެރޭގައި ޕެރޫގެ 468 ކުއްޖަކަށް ހާލަންޑުގެ ނަމުން ނަންދީފި

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ނޯވޭގެ ފުޓްބޯޅަ ތަރި އާލިން ހާލަންޑް ދައްކާލި މޮޅު ކުޅުމާއެކު، އެ ގައުމާއި އެތައް ހާސް ކިލޯމީޓަރެއް ދުރުގައި އޮތް ޕެރޫއިން އާދަޔާ ހިލާފު ކަމެއް ފެންނަން ފަށައިފިއެވެ. އެގޮތުން އެ ގައުމުގައި އަލަށް އުފަންވި އެތައް ސަތޭކަ ކުދިންނަކަށް މި ކާމިޔާބު ފޯވާޑްގެ ނަމުން ނަން ވަނީ ދީފައެވެ.

ޕެރޫގެ ނޭޝަނަލް ރެޖިސްޓްރީ އޮފް އައިޑެންޓިފިކޭޝަން އެންޑް ސިވިލް ސްޓޭޓަސް އިން ހާމަކޮށްފައިވާ ގޮތުގައި، މި މުބާރާތުގެ ތެރޭގައި ހާލަންޑްގެ މަގުބޫލުކަން އިތުރުވެފައިވާ މިންވަރުން، 468 ކުއްޖަކަށް "ހާލަންޑް" މި ނަން ދީފައިވާއިރު، އިތުރު 91 ކުއްޖަކަށް "އާލިން ހާލަންޑް" ގެ ފުރިހަމަ ނަން ވަނީ ދީފައެވެ.

މި ނަންތައް ކިޔުން އިތުރުވެގެން ދިޔައީ ވޯލްޑް ކަޕް ފެށުނުތާ ހަފުތާތަކެއް ފަހުންނެވެ. ހާއްސަކޮށް، ނޯވޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކޮށް، މުބާރާތުގެ އެންމެ ބޮޑު ހައިރާންކަމެއް ގެނުވި ދުވަސްވަރު މި ނަންތައް ރަޖިސްޓްރީކުރި މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ނޯވޭގެ މި ކާމިޔާބު ދަތުރުގެ މައިބަދައަކީ ހާލަންޑެވެ. އުމުރުން 25 އަހަރުގެ މި ފޯވާޑް ވަނީ އެންމެ ހަތަރު މެޗުން ހަތް ގޯލު ޖަހައި، މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކުޅުމެއް ފެނިގެންދިޔައީ ބްރެޒިލް އަތުން ނޯވޭ ހޯދި ތާރީހީ މޮޅުވުމުގައެވެ. އެ މެޗުގައި އޭނާ ޖެހި ދެ ލަނޑާއެކު ނޯވޭ ކުއާޓާ ފައިނަލަށް ގެންގޮސްދީ، ދުނިޔޭގެ އެންމެ ނުރައްކާތެރި ފޯވާޑެއްގެ ގޮތުގައި އޭނާގެ މަގާމު ވަނީ ކަށަވަރުކޮށްފައެވެ.

ޕެރޫގެ އައިޑެންޓިޓީ ރެޖިސްޓްރީގެ ތަރުޖަމާނު އިވާން ޓޮރޭޒް ވިދާޅުވި ގޮތުގައި، ދަރިންނަށް ތަފާތު ނަންތައް ހޯދުމުގައި ފުޓްބޯޅަ ތަރިންނަކީ ޕެރޫގެ މައިންބަފައިންނަށް އަބަދުވެސް ވަރަށް ބޮޑު އިންސްޕިރޭޝަނެކެވެ.

"ޕެރޫގެ ރައްޔިތުން އެމީހުންގެ ދަރިންނަށް މިފަދަ ނަންތައް ކިޔުމުގައި ތަފާތު ފުޓްބޯޅަ ތަރިން ނަމޫނާއަކަށް ބަލާ" ޕެނަމެރިކާނާ ޓެލެވިޜަނަށް ދިން އިންޓަވިއުއެއްގައި ޓޮރޭޒް ވިދާޅުވިއެވެ. ހާލަންޑަށް އޮތް ފޯރިއާ ގުޅޭގޮތުން ސަމާސާ ކުރައްވަމުން އޭނާ ވިދާޅުވީ، "ހާލަންޑަކީ ވެސް މިހާރު ޕެރޫ މީހެއް" ކަމަށެވެ.

ސްކެންޑިނޭވިއާގެ މި ލަނޑު މެޝިނަކީ ޕެރޫގެ އުފަންވުމުގެ ރެކޯޑުތަކުން ޖާގަ ހޯދި އެންމެ ފަހުގެ ފުޓްބޯޅަ އައިކަންއެވެ. ރެނީކްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ފާއިތުވި އަހަރުތަކުގައި ފުޓްބޯޅައާ ގުޅުންހުރި ނަންތައް އެ ގައުމުގައި އުފަންވާ ކުދިންނަށް ކިޔުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ބްރެޒިލްގެ ލެޖެންޑް ނޭމާ އަކީ އަދިވެސް އެ ގައުމުގައި އެންމެ މަގުބޫލު ނަމެވެ. ޕެރޫގެ 33,809 މީހުންނަށް އެ ނަން ކިޔާފައިވެއެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ނަމުން 3,402 މީހުންނަށް ނަން ދީފައިވާއިރު، އޭގެ ތެރޭގައި އޭނާގެ ފުރިހަމަ ނަން ކިޔާ 292 މީހުން ހިމެނެއެވެ. ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ނަމުން 1,185 މީހުންނަށް ނަން ދީފައިވާއިރު، ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލްގެ ނަމުން މިހާރުވެސް ޕެރޫގެ 1,241 ކުއްޖަކަށް ވަނީ ނަން ދީފައެވެ.

މި ކަމުން ހާމަވަނީ ބޯޑަރުތަކާއި، ސަގާފަތްތަކާއި އަދި ބަސްބަހުގެ ހުރަސްތައް ގިރާކުރުމުގައި ފުޓްބޯޅައަށް ލިބިފައިވާ ތަފާތު ގާބިލުކަމެވެ. 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޕެރޫ ބައިވެރިނުވި ނަމަވެސް، މި މުބާރާތުން ވަނީ އެ ގައުމުގެ ރައްޔިތުންގެ ހިތްތައް އަތުލާފައެވެ. އަދި ހާލަންޑް ވެފައިވަނީ އެ ގައުމުގައި އެންމެ ބޮޑު ތަރުހީބެއް ލިބޭ އެއް ތަރިއަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ