ފަލަސްޠީނުގެ ޣައްޒާގައި ޞުލްޙަ ބެލެހެއްޓުމަށް ޤާއިމުކުރުމަށް ނިންމާފައިވާ ބައިނަލްއަޤުވާމީ ފައުޖު، އިންޓަރނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސް (އައިއެސްއެފް) ގައި ބައިވެރިވުމަށް މޮރޮކޯއިން ނިންމައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މަޣުރިބުގެ ވެރިރަށް ރިބާޠުގައި ބޭއްވި ޚާއްޞަ ބައްދަލުވުމެއްގައި ސޮއިކުރި މި އެއްބަސްވުމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު ނާޞިރު ބޫރީޠަތާއި، ޞުލްޙައިގެ ބޯޑުގެ އިސް މަންދޫބު ނިކޮލައި މުއަދެއިނޮފްގެ އިތުރުން އައިއެސްއެފްގެ ކޮމާންޑަރު ވެސް ބައިވެރިވެވަޑައިގަންނެވިއެވެ. މަޣުރިބުގެ ދިފާޢީ އިދާރާއިން ބުނީ މިއީ ޣައްޒާއަށް އިންސާނީ އެހީތެރިކަމާއި ޞުލްޙަ ގެނައުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމުގެ އަޒުމު ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން މަޣުރިބުގެ އިސް އަސްކަރީ އޮފިސަރުންނާއި، ސިފައިންނާއި، ފުލުހުންގެ ޚާއްޞަ ޓީމުތައް ޣައްޒާގައި ޙަރަކާތްތެރިވާނެއެވެ. މީގެ އިތުރުން ޣައްޒާގެ ރައްޔިތުންނަށް ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި އެ ސަރަޙައްދުގައި އަސްކަރީ ހަސްފަތާލެއް (ހޮސްޕިޓަލެއް) ޤާއިމުކުރުމަށް ވެސް މަޣުރިބުން ވަނީ ނިންމާފައެވެ. މި ނިންމުމަށް ޣައްޒާގެ ޞުލްޙައާބެހޭ ކައުންސިލުންނާއި އައިއެސްއެފްގެ އިސްވެރިން ވަނީ މަރުޙަބާ ދަންނަވާފައެވެ.
އެމެރިކާގެ ގާތް ބައިވެރިއެއް ކަމަށްވާ މަޣުރިބަކީ 2020 ވަނަ އަހަރުން ފެށިގެން ޔަހޫދީ ދައުލަތް (އިސްރާއީލް) ބަލައިގަނެ ގުޅުން ޤާއިމުކޮށްފައިވާ ޤައުމެކެވެ. އެ ޤައުމުން ދަނީ މެދުއިރުމަތީގެ މައްސަލައަށް ޙައްލެއް ހޯދުމަށް ފަލަސްޠީނާއި އިސްރާއީލުގެ "ޓޫ-ސްޓޭޓް ސޮލިއުޝަން" ނުވަތަ ދެ ދައުލަތް ޤާއިމުކުރުމަށް ބާރުއަޅަމުންނެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މަޣުރިބުގެ މި ފިޔަވަޅަކީ ސަރަޙައްދީ ހަމަޖެހުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.


