ސިހުރުހެދުމާއި އެ އުނގެނި އުނގަންނައިދިނުމަކީ ކުފުރުވާވަރުގެ ބޮޑު ފާފައެއް: ހުކުރު ޚުޠުބާ

ސިހުރުހާހޫރަ އަކީ ކީރިތި ޤުރްއާނާއި ސުންނަތުން އޭގައި ޙަޤީޤަތެއްވާކަން އެނގޭ ކަމެއް ކަމަށާއި، ސިހުރުހެދުމާއި އެ އުނގެނި އުނގަންނައިދިނުމަކީ ވެސް މީހާ ކުފުރުވާވަރުގެ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިންވާ ޝިރުކުގެ ޢަމަލެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"ސިހުރުހާހޫރައިގެ ނުބައިކަން" މި މައުޟޫޢަށް ޚާއްޞަކޮށްގެން ދިން ޚުޠުބާގައި ވިދާޅުވީ، ސިހުރުވެރިޔާ އިސްލާމްދީނުން ބޭރުވެ، ކޮންމެ ކަމެއްގައިމެ ޝައިޠާނާއަށް ކިޔަމަންވެ ޢަހުދުކަށަވަރު ހިފައިގެން މެނުވީ ސިހުރު ފުރިހަމަނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ސިހުރުވެރިޔާއަކީ ދުނިޔެއާއި އާޚިރަތުގައި ވެސް ނަޞީބެއް ނެތް، ބިން ފަސާދަކުރާ މީހެކެވެ.

ބައްޔެއްވެގެން ނުވަތަ އަޖުމަބަލައިލުމުގެ ނިޔަތުގައި ނަމަވެސް ސިހުރުވެރިއެއް ނުވަތަ ކާހިނެއްގެ ގާތަށް ގޮސް ކަމަކު އެދުމާއި، ސުވާލުކުރުމާއި، އެމީހުންގެ ބަސް ޤަބޫލުކުރުން ދީނުގައި ނަހީކުރައްވާފައިވާކަން ޚުޠުބާގައި ހަނދާންކޮށްދިނެވެ. ރަސޫލާގެ ޙަދީޘްފުޅުތަކާ ޙަވާލާދީ ޚުޠުބާގައި ވިދާޅުވީ، ކާހިނެއްގެ ގާތަށް ގޮސް ސުވާލުކޮށްފި މީހާގެ ނަމާދު 40 ދުވަސް ވާންދެން ޤަބޫލުނުކުރައްވާނެ ކަމަށާއި، އެފަދަ މީހަކު ބުނާ ބަސް ޤަބޫލުކޮށްފި މީހާ މުޙައްމަދުގެފާނުގެ މައްޗަށް ބާވައިލެއްވުނު ދީނަށް ކާފަރުވެއްޖެ ކަމަށެވެ. ފަރުވާގެ ނަމުގައި އުޅޭ ސިހުރުވެރިންގެ ސަބަބުން އާއިލާތަކާއި މުޖުތަމަޢުގައި ބޮޑެތި ފިތުނަ އުފެދޭތީ، އެފަދަ ކަންކަމަށް ހެއްލި އީމާންކަން ފުނޑުފުނޑުކޮށްނުލުމަށް ޚުޠުބާގައި ގޮވާލެއްވިއެވެ.

ސިހުރުގެ ނުރައްކަލުން ރައްކާތެރިވުމަށް އޮތް އެންމެ ވަރުގަދަ އައްޑަނައަކީ މާތް ﷲއަށް ފުރިހަމައަށް ވަކީލުކޮށް ދުޢާކުރުން ކަމަށް ޚުޠުބާގައި ބަޔާންކުރިއެވެ. އަދި ފެންނަ ހުވަފެނެއް، ގައިގައި އަޅާ ވޭނެއް، ކުއްޖެއްގެ ނަތީޖާ ދަށްވުން ނުވަތަ ކައިވެނި ލަސްވުމަކީ ސިހުރުގެ ސަބަބުންވާ ކަމެއްކަމަށް ޤަބޫލުކުރުމުގެ ބަދަލުގައި، ކޮންމެ ނިޢުމަތަކާއި މުޞީބާތެއް ވެސް ވަނީ ﷲގެ މިންވަރުފުޅުންކަން ޤަބޫލުކުރަންޖެހެއެވެ. ޝައިޠާނާގެ މަގުތައް ބަންދުކުރުމަށްޓަކައި ފަރުޟު ފަސް ނަމާދު ވަގުތަށް އަދާކުރުމަށާއި، ހެނދުނާއި ހަވީރުގެ ޛިކުރުތަކަށް ރައްކާތެރިވުމަށާއި، ގޭގައި ސޫރަތުލްބަޤަރާ ކިޔެވުން ގިނަކުރުމަށް އިލްތިމާސްކުރިއެވެ. އަދި ބަލިތަކަށް ފަރުވާހޯދުމުގައި ސިއްރު ކިޔެވުންތަކެއް ނުވާ، ކީރިތި ޤުރްއާނާއި ސުންނަތުން ސާބިތުވާ ޝަރުޢީ ރުޤުޔާގެ ޞައްޙަ މަގު އިޚްތިޔާރުކުރުމަށް ޚުޠުބާގައި ނަސޭހަތްތެރިވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ