ނައިބު ރައީސް ޖޭޑީ ވެންސް 18 ޖޫން 2026 ގައި ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަނީ (އެންޑްރޫ ހާނިކް/އޭއެފްޕީ)

އީރާނާއެކު ޞުލްޙަވުމަށް އެމެރިކާއިން ކުރާ މަސައްކަތަށް އިސްރާއީލުން ހުރަސްއަޅާ: ވޭންސް

އީރާނާއެކު ޞުލްޙަ ޤާއިމުކުރުމަށް އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުމަށްޓަކައި، އިސްރާއީލު (ޔަހޫދީ) ސަރުކާރުގެ އިސްވެރިން ބޮޑު ޚަރަދެއްކޮށްގެން ސިއްރު ކެންޕޭނެއް ހިންގަމުންދާ ކަމަށް ތުހުމަތުކުރައްވައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވޭންސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޖޯ ރޯގަންގެ ޕޮޑްކާސްޓެއްގައި ވާހަކަދައްކަވަމުން ވޭންސް ވިދާޅުވީ، މެދުއިރުމަތީގައި ނިމުމެއްނެތް ހަމަނުޖެހުން އުފައްދައި، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދިގުދަންމަން އިސްރާއީލުން ބޭނުންވާ ކަމަށެވެ. އަދި އެމެރިކާގެ ޤައުމީ މަޞްލަޙަތަށް ގެއްލުންދީ، ރައްޔިތުންގެ ވިސްނުމަށް ނުފޫޒު ފޯރުވަން ބޭރުގެ ޤައުމަކުން ކުރާ މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ވޭންސް ހާމަކުރެއްވި ގޮތުގައި، ވޭތުވެދިޔަ މަހު އެމެރިކާއާއި އީރާނާ ދެމެދު ސޮއިކުރި ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުމަށް އިސްރާއީލުން ދެކޮޅުހަދާ ކަމުގެ ސާފު ހެކިތައް އެބަހުއްޓެވެ. އަދި ދާއިމީ ޞުލްޙައިގެ މަޝްވަރާތައް ފޭލުކޮށްލަން އެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. މިކަމާ ގުޅިގެން ވައިޓް ހައުސްއިން ވެސް ވަނީ އެމެރިކާގެ ޢާންމު ރައްޔިތުންގެ ޚިޔާލަށް ބޭރުގެ ޤައުމުތަކުން ނުފޫޒު ފޯރުވަން އުޅޭކަމީ ޙަޤީޤަތެއް ކަމަށް ބުނެފައެވެ. ސިޔާސީ ބައެއް އިސްވެރިން މިފަދަ ނުފޫޒުތަކަށް ޖާގަދީ، ނިންމުންތައް ބަދަލުކުރާތީ ވޭންސް ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކުރައްވާފައެވެ.

މި ފަހަކަށް އައިސް އިސްރާއީލުގެ ޢަމަލުތަކުގެ ސަބަބުން އެމެރިކާގެ ސިޔާސީ މަސްރަޙުގައި އެ ޤައުމަށް އޮތް ވިސްނުން ދަނީ ބަދަލުވަމުންނެވެ. އެގޮތުން، އިސްރާއީލަށް އެމެރިކާއިން ކޮންމެ އަހަރަކު ދޭ ބިލިޔަން ޑޮލަރުގެ އެހީ ކަނޑާލުމަށް އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) އަށް ޤަރާރެއް ވެސް ހުށަހެޅުނެވެ. އިސްރާއީލަށް ތާއީދުކުރާ މެންބަރުން އެ ޤަރާރު ބޭރުކޮށްލި ނަމަވެސް، ހައުސްގެ 104 މެންބަރަކު އެ ޤަރާރަށް ވޯޓުދީފައިވެއެވެ. މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި މިއީ އެމެރިކާގެ ސިޔާސަތުތަކުގައި އިސްރާއީލުގެ ނުފޫޒު ބަލިކަށިވަމުންދާ ކަމުގެ ސާފު ނިޝާނެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ