ކުރީ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަނުން އައްޑޫ ސިޓީގައި ހިންގި މަޝްރޫޢުތަކެއްގައި ކޮރަޕްޝަނާއި މަނީ ލޯންޑްރިންގއަށް މަގުފަހިވާގޮތަށް ހުރި ކަންކަން ބަލައި ތަޙުޤީޤު ފެށުމަށް ފުލުހުންނަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އިއްތިފާޤުން ފާސްކޮށްފިއެވެ.
އެ ކޮމިޓީން މިގޮތަށް ނިންމީ ފެނަކައިގެ އައްޑޫ ބްރާންޗުތަކާއި ޕްރޮޖެކްޓުތަކުގެ ޚާއްޞަ އޮޑިޓް ރިޕޯޓް ދިރާސާކުރުމަށްފަހުއެވެ.
އޮޑިޓް ރިޕޯޓުން ހާމަވި ބައެއް މުހިންމު ކަންކަން:
-
ކުންފުންޏަށް ބޮޑެތި ގެއްލުންވާ ގޮތަށް މަޝްރޫޢުތައް ހިންގާފައިވުން.
-
ކަރަންޓާއި ފެން ބިލްތަކުން ލިބެންޖެހޭ 77 މިލިޔަން ރުފިޔާ ފެނަކައަށް ނުލިބި ހުރުން.
-
ކުންފުނީގެ މުވައްޒަފުންނާއި އާއިލީ ގުޅުން ހުރި ވިޔަފާރިތަކުން ޕެޓީ ކޭޝް މެދުވެރިކޮށް 783,296 ރުފިޔާ ގެ ތަކެތި ގަނެފައިވުން.
-
ލިޔެކިޔުންތައް ފޯޖުކޮށްގެން (އޮޅުވާލައިގެން) 130,220 ރުފިޔާ ގެ ޕެޓީ ކޭޝް ނަގާފައިވުން.
-
ޕެޓީ ކޭޝްއިން ޚަރަދުކުރި 4.3 މިލިއަން ރުފިޔާގެ ތެރެއިން ސައިޓުތަކަށް ލިބުނު މުދަލާއި ޚިދުމަތުގެ އަގު ކަށަވަރު ނުވުން.
މި މައްސަލައިގައި ފުނަދޫ ދާއިރާގެ މެންބަރު މުޙައްމަދު މަމްދޫހު ހުށަހެޅުއްވީ އޭރުގެ ބޯޑު މެންބަރުންނާއި ޝާމިލުވާ އެންމެންގެ މައްސަލަ ފުލުހުންނަށާއި އޭސީސީއަށް ހުށަހެޅުމަށެވެ. އަދި އާއިލީ ވިޔަފާރިތަކުން މުދަލާއި ޚިދުމަތް ނުހޯދޭ ގޮތަށް ޕްރޮކިއުމަންޓް ޕޮލިސީ ބަދަލުކުރުމަށް ވެސް ހުށަހެޅުއްވިއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު ހުށަހެޅުއްވީ ވެރިންގެ އާއިލާ މީހުންގެ އެކައުންޓްތަކަށް ނުހައްޤުން ފައިސާ ޖަމާވެފައިވޭތޯ ބަލަން މަނީ ލޯންޑްރިންގގެ ތަޙުޤީޤެއް ހިންގުމަށާއި، ކޮރަޕްޝަން މައްސަލަތައް އަވަސްކުރަން އޭސީސީއަށް އެންގުމަށް ޕީޖީއަށް ލަފާދިނުމަށެވެ. މި ތަޙުޤީޤުތަކުގެ މަހު ރިޕޯޓް މަޖިލީހަށް ހިއްސާކުރަން ވެސް ވަނީ ފާސްކޮށްފައެވެ.


