ބޮޑުތަކުރުފާނުމަގުގެ ފުރަތަމަ ފިޔަވަހީގެ ހުރިހާ ސެގްމެންޓެއްގައި އެމްޓީސީސީން ތާރުއަޅައި ނިންމާލުން، ފޮޓޯ: އެމްޓީސީސީ

ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން: ދެން އޮތީ ނޯތު ހާބަރުން ރަސްފަންނާ ދެމެދު

މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ދެން އެންމެ އަވަހަށް މަސައްކަތް ފަށާނީ ނޯތު ހާބަރުން ފެށިގެން ރަސްފަންނާ ދެމެދު އޮތް ސަރަހައްދުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

'ޕަލްސް ޕޮޓްކާސްޓް' ގެ 4 ވަނަ އެޕިސޯޑުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާރު މަސައްކަތް ކުރަމުންދާ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ދެމެދު އޮތް ސަރަހައްދު އަންނަ ހަފުތާގެ ތެރޭގައި ހުޅުވާލެވޭނެ ކަމަށެވެ. މި ބައި ނިމުމުން، ދެން އޮތް މަރުހަލާގައި އެމްޕީއެލް (ނޯތު ހާބަރު) ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްޤީކުރާނެ ކަމަށާއި، އެއީ މިހާރު އެންމެ ބޮޑަށް ހަލާކުވެފައި އޮތް ސަރަހައްދު ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ދަ ޕަލްސް ޕޮޑްކާސްޓް ޕްރޮގްރާމުގައި، ފޮޓޯ: ރައީސް އޮފިސް

މި މަޝްރޫޢުގެ ދަށުން ބޭރު މަގު ފުޅާކޮށް، ދެކޮޅަށް ދުއްވޭ ދެ ލޭނު ހިމެނޭ ގޮތަށް ތަރައްޤީކުރުމުން ބާޒާރުމަތީގެ ސަރަހައްދާއި މާލޭގެ އެތެރޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، މުޅި މާލޭގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެއެވެ. މީގެ އިތުރުން، ޕާކިންއަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން ބޭރު މަގުން ބައެއް ހިއްކާފައިވާ ކަމަށާއި، ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް އަލަށް ހިއްކި ސަރަހައްދަށް ޕާކިން ބަދަލުކުރުމުން ގާތްގަނޑަކަށް 500 އެއްހާ ސައިކަލު ޕާކުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މަގުގެ ދެފަރާތުގައި ރީތި ގަސްތައް އިންދައި، ހިނގާބިނގާވެ އުޅޭ މީހުންނަށް ހިތްފަސޭހަ މާހައުލަކަށް އެ ސަރަހައްދު ހެދުމަކީ ވެސް ސަރުކާރުގެ އަމާޒެކެވެ.

މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހެންވޭރު ފެރީޓާމިނަލުން ފެށިގެން އިއްޒުއްދީން ފަލަމާ ހަމައަށް އޮންނަ ސަރަޙައްދުގައި މިހާރު ވަނީ ތާރުއަޅާ ނިންމާފައެވެ. އަދި އެ ސަރަޙައްދުގައި މަގުގެ ނިޝާންތައް ކުރެހުމާއި، މަގު ބައްތި އަދި ސައިން ބޯޑުތައް ހަރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މި މަޝްރޫޢަކީ މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢަކަށް ވާއިރު، އެކި ސަބަބުތަކާ ހުރެ މުޅި މަޝްރޫޢުގެ މަސައްކަތް ނިމޭނެ ކަމަށް މިހާރު އެމްޓީސީސީން އަންދާޒާކޮށްފައިވަނީ މިމަހުގެ 26 އަށެވެ۔

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ