ފްރާންސްގެ ފުޓްބޯޅައިގެ މުސްތަގުބަލަށް ބޮޑު ބަދަލެއް އަންނާނެކަން މިހާރު ވަނީ ކަށަވަރުވެފައެވެ. އެ ގައުމުގެ ލެޖެންޑް ޒައިނުއްދީން ޒިދާން، ފްރާންސްގެ ގައުމީ ޓީމުގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވުމަށް ފްރާންސްގެ ފުޓްބޯޅަ ފެޑެރޭޝަން (އެފް.އެފް.އެފް) އާއެކު ވަނީ އެއްބަސްވުމަކަށް އައިސްފައެވެ. ކުރީގެ މަޝްހޫރު މިޑްފީލްޑަރު މި މަގާމާ ރަސްމީކޮށް ހަވާލުވާނީ އުތުރު އެމެރިކާގައި ބާއްވާ 2026 ގެ ފީފާ ވޯލްޑް ކަޕް ނިމުމުންނެވެ.
ރިޕޯޓްތައް ބުނާގޮތުން ޒިދާން މިހާރު ވަނީ އޭނާގެ ކޯޗިން ސްޓާފުން ފައިނަލްކޮށްފައެވެ. އަދި މި މަހުގެ ނިޔަލަށް ރަސްމީ ލިޔެކިޔުންތަކުގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބަދަލާއެކު، ފްރާންސްގެ ގައުމީ ޓީމާއެކު 14 އަހަރު ހޭދަކޮށް، 2018 ގެ ވޯލްޑް ކަޕާއި 2021 ގެ ނޭޝަންސް ލީގު ކާމިޔާބުކޮށްދިން ޑިޑިއޭ ޑެޝޯމްޕްގެ ތާރީޚީ ދައުރު ނިމުމަކަށް އަންނާނެއެވެ. ޑެޝޯމްޕް ވަނީ މި މުބާރާތަށްފަހު މަގާމުން ދުރުވާނެކަން ކުރިންވެސް ސާފުކޮށްދީފައެވެ.
2021 ވަނަ އަހަރު ރެއާލް މެޑްރިޑް ދޫކޮށްލި ފަހުން ކޯޗިންއާ ދުރުގައި ހުރި ޒިދާން ވަނީ ފާއިތުވި އަހަރުތަކުގައި ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން ލިބުނު ބޮޑެތި ހުށަހެޅުންތަކަށް ނޫނެކޭ ބުނެފައެވެ. އޭނާ މަޑުކުރަމުން އައީ ހަމައެކަނި ގައުމީ ޓީމާ ހަވާލުވުމުގެ ފުރުސަތަކަށެވެ. 1998 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށް، ރެއާލް މެޑްރިޑަށް ޖެހިޖެހިގެން ތިން ފަހަރު ޗެމްޕިއަންސް ލީގު ހޯދައިދިން ކޯޗު، ފްރާންސް ޓީމު އާ މިސްރާބަކަށް ގެންދިއުމުގެ މަސައްކަތް ފަށާނީ ދެން އޮންނަ ނޭޝަންސް ލީގާއި ޔޫރޯ 2028 ގެ ކޮލިފައިންއާ އެކުގައެވެ. މިކަމުގެ ރަސްމީ އިއުލާން ކުރަން ހަމަޖެހިފައިވަނީ ވޯލްޑް ކަޕް ނިމުމުންނެވެ.


