ޗައިނާ އާއި އިންޑިއާ އިން އަމިއްލަ ފައިޓަރ އެއަރކްރާފްޓްތަކާއި އަސްކަރީ ޖެޓް އިންޖީނު އުފެއްދުމުގެ މަޝްރޫއުތައް 1980 ގެ އަހަރުތަކުގައި ފެށީ އެއްގޮތް އަމާޒުތަކަކާއެކު، ސޯވިއެޓް އަދި ރަޝިޔާގެ ޓެކްނޮލޮޖީއަށް ބޮޑަށް ބަރޯސާވެގެންނެވެ. ނަމަވެސް، ހަތަރު ދަހަރު ފަހުން، މި ދެ ގައުމު މިހާރު ތިބީ ވަރަށް ތަފާތު ހަރުފަތްތަކެއްގައެވެ. މިއީ ދިފާއީ ތަރައްގީއާއި ސިނާއީ ސިޔާސަތުތަކުގައި އެ ދެ ގައުމުން ގެންގުޅުނު ތަފާތު ގޮތްތައް ހާމަކޮށްދޭ ކަމެކެވެ.
ޗައިނާ އިން މިހާރު ފަސްވަނަ ޖީލުގެ ޖޭ-20 ސްޓެލެތް ފައިޓަރ ގިނަ އަދަދަކަށް ބޭނުންކުރަމުންދާއިރު، މަތިންދާބޯޓު އުފުލާ މަނަވަރުތަކުގައި ބޭނުންކުރެވޭ ޖޭ-35 ތައާރަފުކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. ދިފާއީ ދިރާސާތަކުން ދައްކާގޮތުގައި، ފުޅާވަމުންދާ އެއަރޯސްޕޭސް ސިނާއަތުގެ އެހީތެރިކަމާއެކު، ބެއިޖިންގް އިން އަހަރަކު 100 އަށްވުރެ ގިނަ ޖޭ-20 މަތިންދާބޯޓު އުފައްދައެވެ. އަނެއްކޮޅުން، އިންޑިއާ އިން ވަނީ ކާމިޔާބުކަމާއެކު ލައިޓް ކޮމްބެޓް އެއަރކްރާފްޓް އެލް.ސީ.އޭ ތޭޖަސް ތައާރަފުކޮށްފައެވެ. ނަމަވެސް، އަމިއްލައަށް އުފައްދަން ފެށި ކާވޭރީ އިންޖީނު މަޝްރޫއަށް ގާތްގަނޑަކަށް 40 އަހަރު ވެފައިވާއިރުވެސް އެ މަޝްރޫއު ނުނިމޭތީ، އެ މަތިންދާބޯޓު އަދިވެސް ބަރޯސާވަނީ އިމްޕޯޓްކުރާ ޖެނެރަލް އިލެކްޓްރިކް އިންޖީނުތަކަށެވެ.
ދިރާސާވެރިން ބުނާގޮތުގައި ޗައިނާގެ މި ކުރިއެރުމުގެ އަސްލަކީ ދިގު މުއްދަތުގެ ސިޔާސީ އަޒުމާއި، މެދުނުކެނޑި ކުރި އިންވެސްޓްމަންޓްތަކާއި، ތަކުރާރުކޮށް ކުރިމަތިވި ނާކާމިޔާބީތަކާއެކުވެސް ހުއްޓާނުލައި ކުރިއަށް ދިއުމެވެ. ނާކާމިޔާބުވި މަޝްރޫއުތައް ދޫކޮށްލުމުގެ ބަދަލުގައި، ބެއިޖިންގް އިން ވަނީ އެތައް ދަހަރެއް ވަންދެން އެ ޓެކްނޮލޮޖީ އިތުރަށް ފުރިހަމަކޮށްފައެވެ. ޗެންގްޑޫ ޖޭ-10 ވެގެންދިޔައީ ޗައިނާގެ ފުރަތަމަ ހަގީގީ އަމިއްލަ ހަތަރުވަނަ ޖީލުގެ ފައިޓަރަށެވެ. މިއީ ޖޭ-20 އަދި ޖޭ-35 މަޝްރޫއުތަކަށް މަގުފަހިކޮށްދިން ކަމެކެވެ. މިއާއެކު ޗައިނާ ވެފައިވަނީ ފަސްވަނަ ޖީލުގެ އެތައް ބާވަތެއްގެ ހަނގުރާމަމަތީ މަތިންދާބޯޓު އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމަކަށެވެ.
އަސްކަރީ މާހިރުން ފާހަގަކުރާގޮތުގައި، އެންމެ ޒަމާނީ ފައިޓަރ އިންޖީނު އުފެއްދުމަކީ އެއަރޯސްޕޭސް ދާއިރާގައި ކުރިމަތިވާ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ގޮންޖެހުމެވެ. އިންޑިއާ އާއި ޗައިނާ އިންވެސް 1986 ވަނަ އަހަރު އަމިއްލަ އިންޖީނު މަޝްރޫއުތައް ފެށި ނަމަވެސް، ޗައިނާގެ ކުރީގެ ޑަބްލިއު.އެސް-10 އިންޖީނުތަކަށް އިތުބާރު ނުކުރެވޭ ފަދަ ބޮޑެތި މައްސަލަތަކެއް ކުރިމަތިވިއެވެ. ބައެއް އިންޖީނުތައް މަދު ގަޑިއިރުތަކެއްގެ އުދުހުމަށްފަހު އޯވަހޯލް ކުރަން ޖެހުނެވެ. އެ މަޝްރޫއު ހުއްޓާލުމުގެ ބަދަލުގައި، ބެއިޖިންގް އިން ވަނީ 2010 އާއި 2020 އާ ދެމެދު "ޓޫ އިންޖީންސް" އިސްނެގުމުގެ ދަށުން ގާތްގަނޑަކަށް 42 ބިލިއަން ޑޮލަރު އިންވެސްޓްކޮށް، މެޓަލަޖީ، އުފެއްދުންތެރިކަން އަދި ޓެސްޓްކުރުމުގެ އިންފްރާސްޓްރަކްޗަރ ވަރުގަދަކޮށްފައެވެ. ވަގުތާއެކު، މެދުނުކެނޑި ގެނައި ބަދަލުތަކުގެ ސަބަބުން އިންޖީނުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވިއެވެ.
އިންޑިއާއަށް ވެސް ކާވޭރީ އިންޖީނާއެކު މިފަދަ ފަންނީ ހުރަސްތަކެއް ކުރިމަތިވިއެވެ. ހާއްސަކޮށް ކުރީ ސަފުގެ ހަނގުރާމަމަތީ އޮޕަރޭޝަންތަކަށް ބޭނުންވާ ބާރު އުފެއްދުމުގައެވެ. އަސްކަރީ ބޭނުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި، އިންޑިއާގެ އެއަރ ފޯސް އިން ނިންމީ ތޭޖަސްއަށް ބޭރުގެ އިންޖީނު ގަތުމަށެވެ. މީގެ ސަބަބުން ހަނގުރާމައަށް ތައްޔާރުވެފައި އޮތް ނަމަވެސް، އަމިއްލަ އިންޖީނު އުފެއްދުމުގެ ނިޒާމު ކުރިއެރުން ލަސްވިއެވެ.
މުއައްސަސާތަކަށް ގެނައި އިސްލާހުތަކަކީވެސް މުހިންމު ދައުރެއް އަދާކުރި ކަމެކެވެ. ޗައިނާ އިން 2016 ވަނަ އަހަރު އެއަރޯ އިންޖީން ކޯޕަރޭޝަން އޮފް ޗައިނާ އުފައްދައި، ދައުލަތުގެ ބޮޑު އެހީތެރިކަމާއެކު އިންޖީނު ދިރާސާކުރުމާއި އުފެއްދުމުގެ މަސައްކަތް އެއް ފުރާޅެއްގެ ދަށަށް ގެނައެވެ. މިއާ ހިލާފަށް، އިންޑިއާގެ އެއަރޯސްޕޭސް ދާއިރާ އަދިވެސް އޮތީ އެކި މުއައްސަސާތަކަށް ބެހިފައެވެ.
އެޑްވާންސްޑް މީޑިއަމް ކޮމްބެޓް އެއަރކްރާފްޓް އާއި، ތޭޖަސް Mk2 އަދި ބައިނަލްއަގުވާމީ އެހީތެރިކަމާއެކު އާ 120-ކިލޯނިއުޓަން ކްލާހުގެ އިންޖީނެއް އުފެއްދުމުގެ ރޭވުންތަކާއެކު، މާހިރުން ގަބޫލުކުރާ ގޮތުގައި މި ފަރަގު ކުޑަކުރުމުގެ ފުރުސަތު އިންޑިއާއަށް އަދިވެސް އެބައޮތެވެ.ނަމަވެސް، އިންޑިއާއަކީ ވައިގެ ދަތުރުފަތުރާއި ފަޒާގެ ދާއިރާގައި ދުނިޔޭގެ ބާރަކަށް ވެގެންދާނީ ނުވަތަ އިންޖީނުގެ ޓެކްނޮލޮޖީގައި ބޭރުގެ ޤައުމުތަކަށް ބަރޯސާވުން ކުރިއަށްދާނީ، މެދުނުކެނޑި ކުރެވޭ އިންވެސްޓްމަންޓްތަކާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުމާއި، އަދި ދިގު މުއްދަތުގެ ސާބިތުކަމުގެ މައްޗަށް ކަމަށް އެ ފަރާތްތަކުން ފާހަގަކުރެއެވެ.


