ޕީއެސްއައިޕީ މަޝްރޫޢުތަކަށް 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި

ޕަބްލިކް ސެކްޓަރ އިންވެސްޓުމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް ދައުލަތުގެ ބަޖެޓުން މި އަހަރުގެ މިހާތަނަށް 3.2 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރު ޕީއެސްއައިޕީއަށް 8.3 ބިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާކޮށްފައިވާއިރު، މި މަހުގެ 16 އާ ހަމައަށް ކުރެވުނު ޚަރަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ކުރެވުނު 3.8 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 15.7 އިންސައްތަ ދަށް އަދަދެކެވެ. މާލީ ވުޒާރާއިން ވިދާޅުވީ، ޚަރަދު ދަށްވުމަކީ މަޝްރޫޢުތައް ހިންގުމުގެ މާލީ ކަންކަން ހަރުދަނާ ގޮތެއްގައި ބެލެހެއްޓެމުންދާ ކަމުގެ ނިޝާނެއް ކަމަށެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ބޮޑު ޚަރަދެއް ކޮށްފައިވަނީ އިޤްތިޞާދީ ދާއިރާއިންނެވެ. އެގޮތުން އެ ދާއިރާއަށް 1.3 ބިލިޔަން ރުފިޔާ ހޭދަވެފައިވާއިރު، އޭގެ ތެރެއިން އެންމެ ބޮޑު ބަޔެއް ޚަރަދުވީ ދަތުރުފަތުރުގެ ވަސީލަތްތައް ޤާއިމުކުރުމަށެވެ.

މީގެއިތުރުން، ދައުލަތުގެ އާންމު ޚިދުމަތުގެ ދާއިރާއިން 576.9 މިލިޔަން ރުފިޔާ، ބޯހިޔާވަހިކަމުގެ ދާއިރާއިން 480 މިލިޔަން ރުފިޔާ (މިދިޔަ އަހަރަށްވުރެ 123 އިންސައްތަ އިތުރު)، އަދި ޞިއްޙީ ދާއިރާއިން 206.1 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. ސަރުކާރުން ވަނީ އަލަށް ފަށާ މަޝްރޫޢުތަކުގެ ބޭނުންތެރިކަން ދެނެގަތުމަށްޓަކައި ޕްރޮޖެކްޓް ޕްރިޕަރޭޓަރީ ފަންޑެއް ޤާއިމުކޮށް، ދިރާސާތަކަށްފަހު ފައިދާހުރި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ނިންމާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ