އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުތެރޭސް

ފާއިތުވި 17 އަހަރުގެ ތެރޭގައި އދގެ ސެކްރެޓަރީ ޖެނެރަލަކު ފުރަތަމަ ފަހަރަށް ސޫރިޔާއަށް ވަޑައިގެންފި

އެކުވެރި ދައުލަތްތަކުގެ (އދ) ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުތެރޭޝް ސޫރިޔާގެ ވެރިރަށް ދިމިޝްޤަށް ވަޑައިގެންފިއެވެ. މިއީ ފާއިތުވި 17 އަހަރުގެ ތެރޭގައި އދގެ ސެކްރެޓަރީ-ޖެނެރަލަކު ސޫރިޔާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޖުލައި 25 ގައި ފެށުނު މި ތިން ދުވަހުގެ ދަތުރުފުޅުގައި، ސޫރިޔާގެ ރައީސް އަޙްމަދު އަލް-ޝަރާޢާއި، ސަރުކާރުގެ އިސް އޮފިޝަލުންނާއި، މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބުންގެ އިތުރުން ވަގުތީ ޤާނޫނުހަދާ މަޖިލީހުގެ މެންބަރުންނާ ގުތެރޭޝް ބައްދަލުކުރައްވާނެއެވެ. 2009 ގައި ބަން ކީ-މޫން ކުރެއްވި ދަތުރުފުޅަށްފަހު އދގެ ވެރިޔަކު އެ ޤައުމަށް ވަޑައިގެންފައި ނުވާއިރު، 2011 ގައި ފެށުނު އަހުލީ ހަނގުރާމަ ނިމުމަކަށް އައީ 2024 ވަނަ އަހަރުގެ ޑިސެންބަރު މަހު ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ވެރިކަމުން ދުރުކުރެވުމުންނެވެ.

އދގެ ޚާއްޞަ މަންދޫބު ކްލައުދިޔޯ ކޮރްދޯން ވަނީ މި ދަތުރުފުޅަކީ ތާރީޚީ ދަތުރުފުޅެއްގެ ގޮތުގައި ސިފަކުރައްވައި، ސޫރިޔާގެ ސިޔާސީ ބަދަލުތަކަށާއި ޤައުމު އަލުން އާރާސްތުކުރުމަށް އދއިން ފުރިހަމައަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން ގުތެރޭޝް އަރުވާނެކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން، އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ އަލް-ޖޫލާންގެ އުސް ބިންތަކުގައި ހަރަކާތްތެރިވާ އދގެ ޞުލްޙަ ބަލަހައްޓާ ފައުޖަށް ޒިޔާރަތްކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި، މިއީ ދަހަރަކަށްވުރެ ގިނަ ދުވަހުގެ ހަނގުރާމައަށްފަހު ސޫރިޔާ އަލުން އާރާސްތުކުރަން ފެށި މުހިންމު ދަނޑިވަޅެއްގައި ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ބައިވެރިވުން ހާމަވެގެންދިޔަ ކަމެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ