ކަސްރަތާއި ޑައިޓުގެ އެހީގައި 20 ކިލޯ ހިއްކާލި މީހެއްގެ ކާމިޔާބީގެ ދަތުރު

ބަރުދަން ލުއިކުރުމަށްޓަކައި ސިއްހަތަށް ފައިދާހުރި ކާނާ ކެއުމާއި، ކާ މިންވަރު ކޮންޓްރޯލްކުރުމާއި، ގަވާއިދުން ކަސްރަތުކޮށްގެން 20 ކިލޯ ހިއްކާލި އަންހެނަކު އޭނާގެ ކާމިޔާބު ދަތުރުގެ ވާހަކަ ހިއްސާކޮށްފިއެވެ. އޭނާ ބާރުއަޅަނީ ކުއްލިއަކަށް ހަރުކަށި ޑައިޓްތައް ކުރުމުގެ ބަދަލުގައި، ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމުގެ އާދަކާދަތަކަށް ބަދަލު ގެނައުމުގެ މުހިންމުކަމުގެ މައްޗަށެވެ. އަދިތީ ބަރްގަވް ހާމަކުރި ގޮތުގައި، ގިނަ ދުވަސްތަކެއް ވަންދެން ފަލަވުމުގެ މައްސަލައާއި ސިއްހީ އެކި އުނދަގޫތަކާ ކުރިމަތިލުމަށްފަހު، އޭނާގެ ބަރުދަން 98 ކިލޯއިން 78 ކިލޯއަށް ތިރިކުރީ ދިރިއުޅުމުގެ އާދަތަކަށް މަޑުމަޑުން ގެނައި ބަދަލުތަކުންނެވެ.

'ގުންޖަންޝައުޓްސް' ޕޮޑްކާސްޓްގައި ވާހަކަދައްކަމުން ބަރްގަވް ކިޔައިދިން ގޮތުގައި، އޭނާގެ ބަރުދަން އިތުރުވާން ފެށީ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހު މަތީ ތައުލީމަށް މެލްބަންއަށް ބަދަލުވި ދުވަސްވަރު ދިމާވި ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައެވެ. އޭނާ އެ ގައުމަށް ދިޔަތާ މާގިނަ ދުވަހެއް ނުވެ ލޮކްޑައުންއާ ގުޅިގެން ގޭގައި ތިބެގެން ކިޔަވަން ޖެހުމުން، ހަށިގަނޑުގެ ހަރަކާތްތެރިކަން ކުޑަވެ، އެއްތަނެއްގައި އިށީނދެގެން ގިނަވަގުތު ހޭދަކުރަން ޖެހުނެވެ.

ބަރުދަން އިތުރުވަމުން ދިޔަވަރަކަށް ސިއްހީ އެކި މައްސަލަތައް ކުރިމަތިވާން ފެށިއެވެ. 2024 ގެ ފަހުކޮޅާއި 2025 ގެ ކުރީކޮޅާ ހަމައަށް އައިއިރު، ނޭވާ ކުރުވުމާއި، ފައި ދުޅަވުމާއި، ބުރަކަށީގައި ރިއްސުމާއި، ކަކުލުގައި ރިއްސުމުގެ އިތުރުން މުޅި ހަށިގަނޑުގައި ސަބަބެއް ނޭނގޭ ރިއްސުންތައް ހުއްޓެވެ. މެޑިކަލް ޓެސްޓުތަކުގެ ނަތީޖާ އާދައިގެ ގޮތަކަށް ދެއްކި ނަމަވެސް، މި އުނދަގޫތައް ކުރިމަތިވަމުން ދިއުމުން އާއިލާގެ މީހުންނާއި ރައްޓެހިން ކަންބޮޑުވުން ފާޅުކުރިއެވެ.

ބަރްގަވް އެއްބަސްވި ގޮތުގައި، އޭނާގެ ސިއްހަތާ މެދު އާއިލާއިން ކަންބޮޑުވުން ފާޅުކުރުމުން ފުރަތަމަ އޭނާއަށް އެކަން ބަލައިގަނެވުނީ ނުބައި ގޮތަކަށެވެ. އޭނާ ޖިމަށް ގޮސް ބަރުދަން ލުއިކުރަން އެކި ގޮތްގޮތުން މަސައްކަތް ކުރި ނަމަވެސް، ކެއުމުގެ އާދަތައް ކޮންޓްރޯލް ނުކުރެވުމާއި ނަފްސާނީ ގޮތުން އެކަމަށް ތައްޔާރު ނުވެވުމުގެ ސަބަބުން އެދެވޭ ނަތީޖާއެއް ނުފެނުނެވެ.

މިކަން ބަދަލުވީ ސިއްހީ މައްސަލަތަކަށް ފަރުވާކުޑަ ނުކުރެވޭ ހިސާބަށް ދިއުމުންނެވެ. އޭނާ، ގުންޖަން ތަނޭޖާ ކިޔާ މީހަކު ހިންގާ އޮންލައިން ފިޓްނަސް އަދި ނިއުޓްރިޝަން ޕްރޮގްރާމެއްގައި ބައިވެރިވެ، ނިއުޓްރިޝަނިސްޓެއްގެ އެހީގައި އޭނާ ބޭނުންވާ ކާނާ ހިމެނޭ ޑައިޓް ޕްލޭނެއް ތައްޔާރުކުރިއެވެ. ކެއުން މާބޮޑަށް ހަނިކުރުމުގެ ބަދަލުގައި، އޭނާ އެދުނީ އާންމުކޮށް އިންޑިއާގައި ކައިއުޅޭ ކާނާ ހިމެނޭ ޕްރޮގްރާމަކަށެވެ.

އޭނާގެ ދުވަސް ފަށަނީ ޗިއާ ސީޑް ފެން، އިނގުރު-ލުނބޯ ފެން، ނުވަތަ ދިރި ފެން ފަދަ ބުއިންތަކަކުންނެވެ. ހެނދުނުގެ ނާސްތާއަށް އެވަކާޑޯ ޓޯސްޓް، ޕޯހާ، ޕީނަޓް ބަޓަރ ޓޯސްޓް ނުވަތަ އެއަރ-ފްރައިޑް ބްރެޑް ޕަކޯރާ ކައިއުޅުނެވެ. މެންދުރުގެ ކުރިން މޭވާ ކާއިރު، މެންދުރުގެ ކެއުމުގައި ރާޖްމާ ރައިސް ނުވަތަ ކަޅީ ރައިސް އާއެކު ސަލަޑު ބޭނުންކުރިއެވެ.

ހަވީރުގެ ސައިގަޑީގައި ގްރީން ޓީ އާއެކު ނަޓްސް، މަޚާނާ، ބޭލް ނުވަތަ ޚާކްރާ ކާއިރު، ރޭގަނޑުގެ ކެއުމުގައި މުގު ރިހަޔާއި ބަތް، މިލެޓް ރޮށި، ތަރުކާރީ ނުވަތަ ޕުލާއޯ ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ ދުވަހަކުވެސް ގިނައިން ފެން ބުއިމަށް ބަރްގަވް އިސްކަންދިނެވެ. އޭނާ ބުނި ގޮތުގައި ފެން ބުއިމުން، ބަރުދަން އިތުރުވުމުގެ ސަބަބުން ކުރިމަތިވި މަސްގަނޑަށް އަރާ ތަދުތައް ކުޑަވިއެވެ.

ހަމަހަމަ ޑައިޓެއްގެ އިތުރުން، އޭނާ މަޑުމަޑުން ޖިމް ކަސްރަތުތަކާއި ކާޑިއޯ ކަސްރަތުތައް ކުރަން ފެށިއެވެ. ދުވަސްތަކެއް ފަހުން، އޭނާގެ ހަކަތަ އިތުރުވެ، ހަށިގަނޑު ހަރަކާތްތެރިވެ، ފަލަވުމުގެ ސަބަބުން ކުރިމަތިވި ގިނަ ސިއްހީ މައްސަލަތަކެއް ރަނގަޅުވާން ފެށިއެވެ. ބަރްގަވް އަދިވެސް ދަނީ މި ހަރަކާތްތެރި ދިރިއުޅުން ކުރިއަށް ގެންދަމުންނެވެ. އޭނާ އުންމީދު ކުރަނީ އޭނާގެ މި ވާހަކައިން، އަވަސް ހައްލެއް ހޯދުމުގެ ބަދަލުގައި ދިގު މުއްދަތަކަށް ސިއްހަތަށް ފައިދާހުރި އާދަތައް އަށަގަންނުވަން އެހެން މީހުންނަށް ހިތްވަރު ލިބޭނެ ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ