މެޑިކަލް ޓޫރިޒަމް ކުރިއަރައި، ބޭރުގެ ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރަން ފެށުމާއެކު ދެކުނު ކޮރެޔާ ދުނިޔޭގެ ސިއްހީ ހިދުމަތުގެ މަރުކަޒަކަށް ވަނީ ވެފައެވެ. ދެކުނު ކޮރެޔާއަކީ ދުނިޔޭގެ ސިއްހީ ފަތުރުވެރިކަމުގެ އެންމެ ކުރިއަރާފައިވާ އެއް މަންޒިލަށް ހަލުވިކަމާއެކު ވަމުންދާއިރު، ބޭރުގެ ފަތުރުވެރިން އެމީހުންގެ ޗުއްޓީގެ ތެރޭގައި މެޑިކަލް ޗެކަޕްތައް ހެދުން މިހާރު ވަނީ އިތުރުވެފައެވެ. އަގުހެޔޮވުމާއި، ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި، އަވަސް ނަތީޖާ އަދި ބޭރު ބަސްބަހުން ދޭ އެހީތެރިކަން ރަނގަޅުވުމުގެ ސަބަބުން، މަންޒަރުތައް ބަލާލުމުގެ އިތުރުން ސިއްހީ ޓެސްޓުތައް ހެދުމަށް ޒިޔާރަތްކުރާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ސޯލްގެ މަޝްހޫރު ނަމްސަން ޓަވަރު ނުވަތަ މިޔޮންގްޑޮންގްގެ ފިހާރަތަކަށް ދިއުމުގެ ބަދަލުގައި، މިހާރު ގިނަ ފަތުރުވެރިން ދަނީ ހޮސްޕިޓަލްތަކަށާއި ހާއްސަ ކްލިނިކްތަކަށް ލޭގެ ޓެސްޓުތަކާއި، އަލްޓްރާސައުންޑް، އެކްސް-ރޭ އަދި ކޮލޮނޮސްކޯޕީ ފަދަ ޓެސްޓުތައް ހެދުމަށެވެ.
މި އާދަ ފާއިތުވި އަހަރުތަކުގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދެކުނު ކޮރެޔާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ވެލްފެއާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، 2025 ވަނަ އަހަރު 2.01 މިލިއަން ބޭރުގެ ބަލިމީހުން އެ ގައުމަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 71.7 އިންސައްތައިގެ އިތުރުވުމެކެވެ. އެންމެ ގިނަ ބަލިމީހުން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އަދި ޖަޕާނުންނެވެ. އޭގެ ފަހަތުން ތައިވާނާއި އެމެރިކާ ހިމެނެއެވެ.
ސިއްހީ މާހިރުން ވިދާޅުވާގޮތުގައި ދެކުނު ކޮރެޔާއިން ވަނީ މެޑިކަލް ޓޫރިޒަމަކީ މުހިންމު އެކްސްޕޯޓް ސިނާއަތެއްގެ ގޮތުގައި ކާމިޔާބުކަމާއެކު ކަނޑައަޅާފައެވެ. ސޯލްގައި ހުންނަ މެޑިކަލް ކޮންސިއަރޖް ކުންފުންޏެއް ކަމަށްވާ 'ހައިމެޑީ' ގެ ސީއީއޯ ޑޮންގްކިޔޯ ސޯ ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތަކާއި ގާނޫނުތަކުގެ ސަބަބުން ކޮރެޔާގެ ސިއްހީ ހިދުމަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުމަށް ބާރު ލިބިފައިވާ ކަމަށެވެ.
ބޭރުގެ ބަލިމީހުންނަށް އޮތް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ ހިދުމަތުގެ ފެންވަރު ރަނގަޅުވެފައި އަގުހެޔޮވުމެވެ. ދަތުރުފަތުރު ރާވާ ކުންފުންޏެއް ކަމަށްވާ 'ކްރިއޭޓްރިޕް' ގެ ސީއީއޯ ހޭމިން ލީ ވިދާޅުވީ، އެމެރިކާ ފަދަ ގައުމުތަކުން އަންނަ ބަލިމީހުންނަށް ދިގު އިންތިޒާރުތަކާއި، އިންޝުއަރެންސްގެ އުނދަގޫ މަރުހަލާތަކާއި އަދި ބޮޑެތި މެޑިކަލް ބިލްތަކާ ކުރިމަތިލާންޖެހޭ ކަމަށެވެ. އެއާ ހިލާފަށް، ކޮރެޔާގެ ސްކްރީނިންގ ސެންޓަރުތަކުން އެއް ދަތުރުން ފުރިހަމަ ސިއްހީ އެސެސްމަންޓްތައް ހަދައިދެއެވެ.
ދެކުނު ކޮރެޔާގެ ސިއްހީ ހިދުމަތުގެ އަގުތައް ކޮންޓްރޯލްކޮށްފައިވާ ނިޒާމުގެ ސަބަބުން ޓެސްޓުތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮވެއެވެ. މާހިރުން ވިދާޅުވާގޮތުގައި، ބައެއް ހާލަތްތަކުގައި އެމެރިކާގައި ހަދާ އެންމެ އެމް.އާރު.އައި ސްކޭނެއްގެ އަގުން، ކޮރެޔާގައި މުޅި ހަށިގަނޑުގެ ފުލް ޗެކަޕް ޕެކޭޖެއް ހެދިދާނެއެވެ.
ބަލިތަކުން ރައްކާތެރިވުމަށް އެ ގައުމުން ދޭ ސަމާލުކަމަކީވެސް މީގެ މަގުބޫލުކަން އިތުރުވާ ސަބަބެކެވެ. ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ފާހަގަކުރާގޮތުގައި، ގަވާއިދުން ސްކްރީންކޮށްގެން ބަލިތައް ކުރިއާލާ ދެނެގަތުމަކީ ދެކުނު ކޮރެޔާގެ ސިއްހީ ނިޒާމުގެ މުހިންމު ބައެކެވެ.
ބޭރުގެ ފަތުރުވެރިން މި ތަޖުރިބާ ސިފަކުރަނީ ވަރަށް ހަލުވި އަދި ފަސޭހަ ކަމެއްގެ ގޮތުގައެވެ. އެމެރިކާގެ ލޮސް އެންޖެލެސްއިން ސޯލްއަށް ދަތުރުކުރި ލިޕިންގ ޗާއޯ ވަނީ ލޭގެ ޓެސްޓުތަކާއި، ޗެސްޓް އެކްސް-ރޭ، އަލްޓްރާސައުންޑް އަދި އެންޑޯސްކޯޕީ ހިމެނޭ މެޑިކަލް ޕެކޭޖެއް ހަދާފައެވެ. މުޅި މަރުހަލާއަށް ހޭދަވީ ގާތްގަނޑަކަށް ތިން ގަޑިއިރެވެ. އަދި އޭނާގެ ބިލަކީ 456,706 ވޮން (312 ޑޮލަރު) އެވެ.
ހޮންކޮންގުން ދަތުރުކުރި ހެދަރ ބާލޯ ބުނިގޮތުގައި، އޭނާގެ އަމިއްލަ ގައުމުގައި މިފަދަ ޓެސްޓުތަކެއް ހަދަން ތިން ހަތަރު ގުނަ އިތުރަށް ހަރަދުވާނެއެވެ. ކޮރެޔާ މެޑިކަލް އިންސްޓިޓިއުޓްގެ ގްވަންގްހްވަމުން ސެންޓަރުން އޭނާ ވަނީ ލެބޯޓްރީ ޓެސްޓުތަކާއި، އެކްސް-ރޭ، އަލްޓްރާސައުންޑް އަދި ކުދި ޕްރޮސީޖާތައް ހިމެނޭ ޕެކޭޖެއް މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ނިންމާލާފައެވެ.
ނަމަވެސް، ބައިނަލްއަގުވާމީ ބަލިމީހުން ދަތުރު ރޭވުމުގައި ފަރުވާތެރިވުމަށް މާހިރުން ލަފާދެއެވެ. ކުރިއާލާ އެޕޮއިންޓްމަންޓް ބުކްކުރުމަށާއި، ބަހުގެ އެހީތެރިކަން ލިބޭނެކަން ކަށަވަރުކުރުމަށާއި، އަދި އެކަށީގެންވާ ޓްރެވަލް އިންޝުއަރެންސެއް އޮތްކަން ޔަގީންކުރުމަށް ފަތުރުވެރިންނަށް ބާރުއަޅައެވެ.ބައެއް ކްލިނިކްތަކުން އިނގިރޭސި ބަހުން ޚިދުމަތް ފޯރުކޮށްދިން ނަމަވެސް، އަނެއްބައި ތަންތަނުގައި ތަރުޖަމާނުންގެ އެހީތެރިކަން ބޭނުންވެދާނެއެވެ.
މެޑިކަލް ކޮންސިއަރޖް ޚިދުމަތްތަކުގެ ސަބަބުން އެޕޮއިންޓްމަންޓްތައް ހަމަޖެއްސުމާއި، ތަރުޖަމާކުރުމުގެ އެހީތެރިކަމާއި، ފޮލޯ-އަޕް ކޮންސަލްޓޭޝަންތައް އިންތިޒާމުކޮށްދީ، މި ދަތިތަކަށް ހައްލު ހޯދައިދެއެވެ. އާންމުގޮތެއްގައި އެއް ހަފުތާއާއި ދެ ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ޓެސްޓުތަކުގެ ނަތީޖާ އިލެކްޓްރޯނިކްކޮށް ލިބޭއިރު، ގިނަ ފަހަރަށް މި ނަތީޖާތައް ތަފާތު ބަސްބަހުން ލިބެން ހުރެއެވެ.
ޒަމާނީ ވަސީލަތްތަކާއި، ހެޔޮ އަގުތަކާއި، އަދި ފަސޭހަ ޚިދުމަތްތަކާއެކު، ދެކުނު ކޮރެއާގެ ސިއްހީ ދާއިރާއިން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ޒިޔާރަތްތެރިން ކޮރެއާއަށް ދަމައިގަންނަމުންނެވެ. ގިނަ ދަތުރުވެރިންނަށް މިހާރު ސޯލްގައި ހޭދަކުރާ ޗުއްޓީއަކީ ހަމައެކަނި ސަގާފީ ތަޖުރިބާތަކާއި މުނިފޫހިފިލުވުމުގެ އިތުރުން، ދިގު މުއްދަތުގެ ދުޅަހެޔޮކަމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއްވެސް މެއެވެ.


