ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި 20،000 ގަސް ރަމްޒީގޮތުން ރާއްޖެއާ ހަވާލުކޮށްފިއެވެ.
މިއަދު ހަވީރު ލޮނުޒިޔާރަތް ޕާކުގައި ބޭއްވި ރަސްމިއްޔާތެއްގައި ބަންގްލަދޭޝްގެ ފަރާތުން މި ގަސްތައް ހަވާލުކޮށްދެއްވީ އެ ޤައުމުގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޚްމާންއެވެ. ރާއްޖޭގެ ފަރާތުން ގަސްތަކާ ހަވާލުވެވަޑައިގެންނެވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އާއި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވީ، މި ގަސްތަކުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ. އަދި ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވަނީ މިއީ ކުރިއަށް އޮތް ޖީލުތަކަށް ފައިދާކުރާނެ ކަމެއްކަން ފާހަގަކުރައްވައި ބަންގްލަދޭޝް ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. މިއީ ބޭރު ޤައުމަކުން ރާއްޖެއަށް މިހާތަނަށް އެންމެ ގިނައިން ގަސް ހަދިޔާކުރި ފަހަރެވެ.


