އުތުރު ކޮރެއާގެ އިތުރު 30،000 ސިފައިން ގެންނަން ރަޝިޔާއިން މަސައްކަތްކުރާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވި ގޮތުގައި، ހަނގުރާމައިގައި ބައިވެރިވުމަށްޓަކައި އުތުރު ކޮރެއާގެ އިތުރު 30،000 ސިފައިން ގެނައުމަށް ރަޝިޔާއިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ސިފައިން ބޭތިއްބުމަށްޓަކައި ރަޝިޔާގެ ވޮރޮނޭޒް ސަރަޙައްދުގައި ޖޫން މަހުން ފެށިގެން ތައްޔާރީތައް ވަމުންދާ ކަމަށާއި، ބެލިސްޓިކް މިސައިލް ފޮނުވާ އައު ލޯންޗަރުތަކެއް ފޯރުކޮށްދިނުމަށްވެސް އުތުރު ކޮރެއާއިން ތައްޔާރުވަމުންދާ ކަމަށް އޭނާ ހާމަކުރެއްވިއެވެ.
މީގެ ކުރިން ދެގައުމުގެ ދިފާއީ އެއްބަސްވުމެއްގެ ދަށުން އުތުރު ކޮރެއާއިން ވަނީ 14،000 ސިފައިން ރަޝިޔާގެ ކުރުސްކް ސަރަޙައްދަށް ފޮނުވާފައެވެ.
ޒެލެންސްކީ ފާހަގަކުރެއްވި ގޮތުގައި، ރަޝިޔާއިން އުތުރު ކޮރެއާއަށް ހަނގުރާމައިގެ އަމަލީ ތަޖުރިބާއާއި ހަތިޔާރު ތަރައްގީކުރާނެ ގޮތް ދަސްކޮށްދެމުންދިއުމަކީ ހަމައެކަނި ޔޫކްރޭނަށް އޮތް ނުރައްކަލެއް ނޫނެވެ. މީގެ ސަބަބުން އުތުރު ކޮރެއާގެ މިސައިލްތަކުގެ ރޭންޖުގައި ހިމެނޭ އޭޝިއާގެ ހުރިހާ ގައުމަކަށްވެސް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށާއި، މި ނުރައްކާތަކާ ދެކޮޅަށް ޔޫކްރެއިންއިން ރައްދު ދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.


