މާލޭ ދެކުނު ފަރާތު ނެރުމައްޗަށް އިއްޔެ މެންދުރުފަހު 3:17 ހާއިރު ލޯންޗެއް އަރައި ދެ މީހަކަށް އަނިޔާވެއްޖެއެވެ.
ފުލުހުން ހާމަކުރި ގޮތުގައި 20 މީހުންނާއެކު ދަތުރުކުރި އެ ލޯންޗު އުރިގެން އަނިޔާވި ދެ މީހުންނަށް އައިޖީއެމްއެޗްގައި ފަރުވާދީފައިވާއިރު، އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއިން ފެންނަނީ އިއްޔެ ހަވީރު މާލެއަށް އުދައެރި ވަގުތު ކޮންޓްރޯލް ނުވެގެން ގޮސް ހުދު ކުލައިގެ ލޯންޗެއް ނެރުމައްޗަށް އަރާ މަންޒަރެވެ.
Male’ dhekunu faraathu nerah launch eh araif pic.twitter.com/rWCG8prmi5
— Accidents in Maldives (@AccidentsMV) July 26, 2026
މި ހާދިސާގައި ލޯންޗަށް އެކިވަރުގެ ގެއްލުންތައް ވެފައިވާއިރު، ފުލުހުން ދަނީ މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންނެވެ. އިއްޔެ ހަވީރު މާލޭގެ ބައެއް ސަރަޙައްދުތަކަށް އުދައަރާފައިވާއިރު، މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ސްކޫލް ބަންދު ނިމޭއިރު މޫސުން ގޯސްވާނެތީ، ޗުއްޓީ ނިންމައި ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.


