ކަސްރަތުކުރިއަކަސް ނުހިކޭނެ. ކާންވީ އާފަލު

ކަސްރަތު ކޮށްކޮށް ވަރުބަލިވާއިރުވެސް ނުހިކެނީ ކީއްވެހެއްޔެވެ؟ އެތައް ވަގުތެއް ހޭދަކުރިއަސް ނުހިކެނީ ކީއްވެހެއްޔެވެ؟މި ސުވާލުތަކުގެ ޖަވާބު ވަރަށްވެސް ސާފެވެ. ހަށިގަނޑު ބައްޓަން ކުރުމުގައި އިންސާނާއަށް ކާއެއްޗެހި ބޭނުންކުރެވޭ ގޮތާއި ބޭނުންކުރެވޭ މިންވަރާއި، އަދި ވަކިން ޚާއްޞަކޮށް ޞިއްޙަތަށް ފައިދާހުރި ކާނާގެ މައްޗަށް ބިނާވެއެވެ.

ހެނދުނު ހޭލާގޮތަށް، ނުވަތަ އޮފީސް ނިންމާލާ ގޮތަށް ޖިމަށް ދިއުމަކުން ނުފުދެއެވެ. އަމަލުކުރަންޖެހޭ ވަކި ގޮތްތަކެއް ހުންނާނެއެވެ. ކިތަންމެ ވަރަކަށް ކަސްރަތުކުރިއަސް ބަނޑެއްވެސް ނުހިނދޭނެއެވެ.

އެހެނީ ކަސްރަތުކުރުމަށް ދިޔުމުގެ ކުރިން ކެއުމަށް ސަމާލުން ދޭންޖެހެއެވެ. ކަސްރަތުކޮށްގެން އަވަސް ނަތީޖާއެއް ހޯދަން ބޭނުންވާނަމަ، ކެއުމުގެ ކަންތައްތައް ވަކި އިންތިޒާމަކަށް ބައްޓަން ކުރަންޖެހެއެވެ. ބައެއް ކާނާއަކީ ކެއުމުން ގިނަ ވަގުތު ވަރުބަލިވުމެއް ނެތި ކަސްރަތުކުރުމުގައި ދެމިހުރުމަށް އެހީތެރިވެދޭ ކާނާއެވެ. އަނެއް ބައި ކާނާއަކީ ވަރަށް އަވަހަށް މީހާގެ ހަކަތަ ހުސްކޮށްލާ ވަރުބަލިކަން އިތުރުކޮށްދޭ ކާނާގެ ގޮތުގައި ބެލެވިދާނެއެވެ.

ކަސްރަތުކުރާއިރު ހަށިގަނޑުގެ މަސްތަކުގައި ވަރު ހުންނަންޖެހެއެވެ. ހަށިގަނޑު ހިފެހެއްޓޭނީ މަސްތައް ވަރުގަދަކޮށް ހާނުވައިގެންނެވެ.

އެހެންކަމުން ކަސްރަތު ކުރަންފެށުމުގެ ކުރިން އާފަލު ކެއުމަކީ މިިކަމަށް އޮތް ޙައްލެކެވެ. އާފަލަކީ މާ ބޮޑަށް ޕްރޮޓީން އެކުލެވޭ މޭވާއެއް ނޫންކަމަށްވިޔަސް އާފަލުން ލިބޭ އެހެން ފައިދާތައް މާ ބޮޑެވެ. 2013 ވަނަ އަހަރު އިންޓަރނޭޝަނަލް ޖާނަލް އޮފް ޕްރިވެންޓިވް މެޑިސިންގ އިން ހެދި ދިރާސާއެއް ދައްކާގޮތުން، އާފަލުގައި ފްލަވޮނޮއިޑް  މާއްދާގެ ތެރޭގައި 'ކިއުއާސެޓިން' ކިޔާ މާއްދާއެއް ހުރެއެވެ. އެ މާއްދާއަކީ މަސްގަނޑު ރިކަވާ ކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި އާފަލުގައި ހިމެނޭ މިމާއްދާގެ ސަބަބުން މަސްގަނޑު ދުޅަވުމާއި، މަސްތަކުގައި ރިއްސުމުން ދުރުކޮށްދެއެވެ. ނަތީޖާއަކަށް ވަނީ މަސްތައް ވަރުގަދަވެ، ގިނަ ވަގުތު ކަސްރަތުކުރުމުގައި ދެމިހުުރުމަށް އެހީތެރިވުމެވެ. މަސްތަކުގައި ރިއްސުމުން ދުރުވެ އުފާވެރިކަމާއެކު، ދާއިމީ ގޮތެއްގައި ކަސްރަތުކުރުމަަށް ބާރު ލިބުމެވެ.

އާފަލުން ލިބޭ އަނެއް ފައިދާއަކ،ީ ހަށިގަނޑުގައި ހުންނަ ފެޓް ނުވަތަ ސަރުބީ ވިރުވާލުމަށް އެހީތެރިވުމެވެ. ނިޕޮން ސައިންސް ޔުނިވަރސިޓީއިން ހެދި ދިރާސާއެއް ދައްކާ ގޮތުން އާފަލުގައި ހުންނަ 'ޕޮލީފެނޮލްސް' މާއްދާގެ ސަބަބުން ހަށިގަނޑުގައި ހުންނަ ސަރުބީގެ %30 ވިރުވާލުމަށް އެހީތެރިވެދެއެވެ.

ކަސްރަތުކުރިއަކަސް ނުހިކޭނެއެވެ. ކަސްރަތުކުރުމުގެ ކުރިން ކާންވީ އާފަލެވެ. ހަމައެއާއެކު ފައިދާހުރި އެހެން ކާނާ ބޭނުންކުރުމަކީވެސް މުހިއްމުކަމެކެވެ. ކަސްރަތުކޮށްގެން ރަގަޅު ނަތީޖާއެއް އަވަސް މުއްދަތެއްގެ ތެރޭގައި ލިބޭނީ އޭރުންނެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ