ޔޫކްރެއިންގެ ޗަރްނީހިވަށް ރަޝިޔާއިން ދިން ނުރައްކާތެރި މިސައިލް ހަމަލަތަކެއްގައި ޢާންމުންގެ ހަތް މީހުން މަރުވެ، 90 އަށްވުރެ ގިނަ މީހުން ޒަޚަމުވެއްޖެއެވެ.
މި ހާދިސާގައި ޒަޚަމުވި 90 މީހުންގެ ތެރޭގައި 12 ކުޑަކުދިން ހިމެނޭ ކަމަށާއި، ފުލުހުންގެ 10 މީހުން ހިމެނޭ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.
ރަޝިޔާގެ ހަމަލަތައް އަމާޒުކޮށްފައިވާ މައިދާން ކައިރީގައި ޕޮލިޓެކްނިކް ޔުނިވަރިސިޓީއަކާއި، ތިއޭޓަރެއް ހުންނަ ކަމުގައި ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވިއެވެ. އެއާއެކު، ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ ކީވަށް ހަމަލަދޭން ބޭނުން ކުރި 15 ޑްރޯން ދިފާޢުކޮށް ވައްޓައިލާފައިވާ ކަމުގައެވެ.
ޔޫކްރެއިންގެ ޢާންމުން ދިރިއުޅޭ ޢިމާރާތްތަކާއި ޢާންމު ޚިދުމަތްތައް ދިނުމަށް ބޭނުންކުރާ ޢުމްރާނީ ވަސީލަތްތަކަށް ރަޝިޔާއިން ގަސްދުގައި ހަމަލަދެމުންދާ ކަމަށް ޔޫކްރެއިނުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް، ރަޝިޔާއިން އެ ތުހުމަތުތައް ދޮގު ކުރެއެވެ.
މި ހަނގުރާމައަށް 542 ދުވަސް ފާއިތުވެފައިވާއިރު، ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ މައި ތިން ސަރަޙައްދަކަށް އަތްގަދަކޮށްފައެވެ.


