ދަރިއަކު ނުލިބިގެން އުޅެނިކޮށް ހަ އަހަރުފަހުން، 3 އަންހެން ދަރިން ނަޖްރަންގެ ދެމަފިރިއަކަަށް ލިބިއްޖެއެވެ.
ދަރިއަކު ނުލިބިގެން ވަރަށް ހިތާމަގައި، އެކި ގޮތްގޮތުން މަސައްކަތްކޮށް ކޮށް ތިއްބާ، 3 ދަރިން އެއްފަހަރާ ލިބުމުން، މާތްﷲ އަށް ޝުކުރުވެރިވެ، އެ ދެމަފިރިން އުފާފާޅުކުރިއެވެ.
މި ތިން ދަރިންނަށް ކިޔާފައިވަނީ، ސަމާ، ސަހާބް، އަދި ޣައިމް އެވެ. ސަމާގެ މާނައަކީ އުޑެވެ. ސަހާބްގެ މާނައަކީ ވިލާއެވެ. ޣައިމްގެ މާނައަކީ ވިއްސާރައެެވެ. އެހެންކަމުން، މި ތިން ނަމަކީ މޫސުމާ ގުޅުންހުރި ތިން ނަމެވެ.
މިކަމާ ގުޅިގެން އެ ޤައުމުގެ މޫސުމާ ބެހޭ އިދާރާއިންވަނީ، އެކަމަށް މަރުޙަބާ ކިޔައި، އެ ތިން ކުދިންނަށް ހަދިޔާ ފޮނުވާފައެވެ.
އަދި އެ ދެމަފިރިންނަށް އެއްފަހަރާ ތިން ދަރިން ލިބުމުން ސޯޝަލް މީޑިއާގައި ދަނީ މަރުޙަބާގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. އަދި މި ތިން ކުދިންނަށް ކިޔާފައިވާ ނަންތައް ވަރަށް ކަމުދާ ކަމަށް ގިނަ ބަޔަކު ދަނީ ފާހަގަކުރަމުންނެވެ.


