ތިލަމާލެ ބްރިޖް އެޅުމުގެ މަސައްކަތްކުރަމުންދާ އިންޑިއާގެ އެފްކޮންސް ކުންފުންޏަކީ، ކަނޑުގައި ބްރިޖެއް އެޅުމުގެ ޤާބިލުކަން ހުރި ކުންފުންޏެއް ނޫންކަމަަށް އިންޑިއާގެ ރައްޔިތަކު މަޢުލޫމާތު ދިންކަމަށް، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އަލީ ހުސެއިން މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ކެމްޕެއިނަށް ނ. ލަންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.
އިންޑިއާގެ ބެންގަލޫރުގައި ތިބި އޭނާގެ ރަށްޓެހިންނާ ބައްދަލުކޮށްލެއްވުމަށް މިފަހުން އިންޑިއާއަށް ވަޑައިގެންނެވި ކަމަށާއި، އެފްކޮންސް އަށް ރާއްޖޭގައި ބްރިޖު ނޭޅޭނެކަމަށް ބުނީ، މި ދަތުރުފުޅުގައި ދިމާވި އިންޑިއާގެ އާންމު ރައްޔިތެއްކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
އެފްކޮންސް ކުންފުންޏަށް ކަނޑުގައި ބްރިޖެއް އެޅުމުގެ ގާބިލުކަން ލިބިފައިނުވާކަމަށް އިންޑިއާގެ ރައްޔިތަކު ބުނިކަމަށް މެމްބަރު އަލީ ހުސެއިން ވިދާޅުވިއިރު، ތިލަމާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ދުވެލި ލަސްކަމަށް ބުނެ ގިނަބަޔަކު އަންނަނީ ދިވެހި ސަރުކާރަށާއި އެފްކޮންސް ކުންފުންޏަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެއެވެ.
މި ބްރިޖުގެ މަޝްރޫޢާ ގުޅިގެން ސަރުކާރުން އެންމެފުރަތަމަ ބުނީ، އިންޑިއާގެ ލޯނު އެހީގައި ހިންގާ މި މަޝްރޫއަށް 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ) ހަރަދުވާކަމަށެވެ. އެހެންނަމަވެސް މަސައްކަތް އަވަސްކުރުމަށް ފަހުން ދިން ފައިސާ އާއެކު މިހާރު ބްރިޖަށް ކުރަންޖެހޭ ހޭދަ 700 މިލިއަން ޑޮލަރަށް އަރައެވެ.
އަދި ބްރިޖުގެ މަސައްކަތް ކުރުމުގައި އެފްކޮންސް އިން ބޭނުންކުރާ ބައެއް ވަސީލަތްތަކުގެ ފެންވަރުދަށްކަމަށް ބުނެ، އެ ބްރިޖު އަޅާ ނިމޭއިރު އޭގެ ފެންވަރާ މެދުވެސް ގިނަބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ތިލަމާލެ ބްރިޖް އެޅުމުގައި، ކޮންކްރީޓް އުފުލަން ދޮލަނގު ބޭނުންކުރާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވެފައިވާއިރު، އެކަމާ ގުޅިގެން ވެސް ގިނަބައެއްގެ ފާޑުކިޔުން އަމާޒުވެފައިވެއެވެ.


