އެމެރިކާ، ސައުދީއަރަބިއްޔާ، ސްރީލަންކާ އަދި ޕާކިސްތާނުންވެސް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުޙަބާ ދަންނަވައިފިއެވެ.
އެމެރިކާ، ސައުދީއަރަބިއްޔާ، ސްރީލަންކާ އަދި ޕާކިސްތާނުގެ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއަށް މަރުޙަބާ ދަންނަވައިފި ކަމަށް އެ ޤައުމުތަކުގެ ރަސްމީ އިދާރާތަކުން ވާނީ ހާމަކުރައްވާފައެވެ.
އަދި އަވައްޓެރި އިންޑިޔާވެގެން ގޮސްފައިވަނީ އިންތިޚާބީ ރައީސަށް މަރުޙަބާ ދެންނެވި ފުރަތަމަ ޤައުމުގެ ގޮތުގައެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބު 2023، ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ އިދިކޮޅު ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒުއެވެ.
އިލެކްޝަންސް ކޮމިޝަންއިން އާއްމުކޮށްފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުގައި، އިންތިޚާބު ކާމިޔާބުކުރެއްވި ޑރ. މުޙައްމަދު މުޢީއްޒަށް ލިބިވަޑައިގަތީ 129،159 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %54.04 އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙަށް ލިބިވަޑައިގަތީ 109،868 ވޯޓެވެ. އެއީ %45.96 އެވެ.
ވަގުތީ ނަތީޖާއަށް ބަލާއިރު، މި އިންތިޚާބު ޑރ.މުޢިއްޒު އިންތިޚާބު ކާމިޔާބުކުރެއްވީ 19،291 ވޯޓުގެ ބޮޑު ތަފާތަކުންނެވެ.
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުލުމުގެ ޙައްޤު ލިބިގެންވާ 282،804 މީހުންގެ ތެރެއިން 246،915 މީހުން ވަނީ ވޯޓު ލާފައެވެ. ވޯޓު ލުމުގެ ޙައްޤު ލިބިގެންވާ %87.31 މީހުންވަނީ ވޯޓުލުމުގެ ޙައްޤު އަދާކޮށްފައިވާ ކަން ފާހަގަކުރެވެއެވެ.
މިފަހަރުގެ އިންތިޚާބަކީ މާބޮޑު މައްސަލަތަކެއް ކުރިމަތި ނުވެ، މިހާތަނަށް އެންމެ އަމާންކަމާއި އޮމާންކަމާއެކު ކުރިއަށްދިޔަ އިންތިޚާބުގެ ގޮތުގައި އިލްކެޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި އިންތިޚާބުގެ އިންތިޒާމްތައް ވަރަށް ފުރިހަމަކަމަށް ގިނަ ބަޔަކު ފާހަގަކުރަމުން ދެއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ބަލި ޤަބޫލުކުރައްވައި، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި ޑރ.މުޙައްމަދު މުޢިއްޒަށް ތަހުނިޔާ ވިދާޅުވެފައެވެ. އަދި ރާއްޖޭގެ ސިޔާސީ ލީޑަރުންނާއި ބޭރުގެ ޤައުމުތަކުން ދަނީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒުއަށް މަރުޙަބާ ކިޔަމުންނެވެ.


