ބްރަސަލްސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް ފަހު ސްޕެއިންގެ ޚާރިޖީ ވަޒީރު ހޯސޭ މެނުއަލް އަލްބަރޭސް އާއި ނޯވޭގެ ޚާރިޖީ ވަޒީރު އެސްޕެން ބާތު އީޑޭ އަދި އަޔަލެންޑްގެ ޚާރިޖީ ވަޒީރު މައިކަލް މާޓިން ސަލާމް ކުރައްވަނީ- ފޮޓޯ: ރޮއިޓާސް

ސްޕެއިން، އަޔަލޭންޑް އަދި ނޯވޭއިން ފަލަސްތީނުގެ ދައުލަތް ބަލައިގެންފި

ޣައްޒާގައި ހަތް މަހަށްވުރެ ގިނަ ދުވަސް ވަންދެން އިސްރާއީލުން ހިނގަމުންދާ ހަމަނުޖެހުންތަކާގުޅިގެން، ސްޕެއިން، އަޔަލޭންޑް އަދި ނޯވޭއިން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފިއެވެ. މިއީ ޔޫއަޕިއަން ޔޫނިއަން (އީޔޫ) ގެ އިއްތިހާދުގައި ހިމެނޭ ތިން ގައުމެވެ. މިކަމަކީ، އިސްރާއީލުން ނުރުހުން ފާޅުކުރާނެ ކަމެއް ނަމަވެސް، މިހާރު ހިނގަމުންދާ ހަމަނުޖެހުމަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި، ފަލަސްތީނުގެ ދައުލަތް ބަލައިގަތުން ނޫން އެހެން ގޮތެއް ނެތް ކަމަށް މި ތިން ގައުމުން ވެސް ދެކެއެވެ.

އަދި މިކަމުގެ ސަބަބުން ފަލަސްތީނުގެ ހައްގުތައް ހިމާޔަތް ކުރުމަށް ކުރާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށާއި، ޔޫރަޕުގެ އެހެން ގައުމުތަކުން ފަލަސްތީނު ބަލައިގަތުމަށް އިތުރު ބާރަކަށް ވާނެ ކަމަށް އެ ތިން ގައުމުން ބުނެފައި ވެއެވެ.

މި ނިންމުމުގެ ސަބަބުން، އދ.ގެ 193 މެމްބަރު ގައުމުގެ ތެރެއިން 146 ގައުމުން، މިހާރު ފަލަސްތީނުގެ ދައުލަތް ގަބޫލުކުރާ ކަމަށް ސްޕެއިންގެ ފޮރިން މިނިސްޓަރު ހޯސޭ މެނުއަލް އަލްބަރޭސް ވަނީ ވިދާޅުވެއެވެ.

އީޔޫގެ ގައުމުތަކުން ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގަތުމުން،އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ އެއީ ޓެރަރިސްޓު ހަރަކާތްތަކަށް ދޭ "ހަދިޔާއެއް"ގެ ގޮތުގައި ސިފަކޮށްފަ އެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ހުއްޓުމެއް ނެތި ދެމުންދާ އުދުވާނުގައި ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން ޝަހީދުކޮށްލާފައި ވާއިރު، ފަލަސްތީނަށް ވަކި ދައުލަތެއް ދިނުމަށް ޔޫރަޕްގެ ގިނަ ގައުމުތަކުގެ ވިސްނުން މިހާރު ވަނީ ކަފިވާން ފަށައިފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ މެމްބަރުން 27 ގައުމުގެ ތެރެއިން، ސްވިޑަން، ސައިޕްރަސް، ހަންގޭރީ، ޗެކް ރިޕަބްލިކް، ޕޮލެންޑް، ސްލޮވާކިއާ، ރޮމޭނިއާ އަދި ބަލްގޭރިއާ އިން ވަނީ ފަލަސްތީނުގެ ދައުލަތް ރަސްމީކޮށް ބަލައިގެންފައެވެ. ސްލޮވޭނިއާއިން އަންނަ ބުރާސްފަތި ދުވަހު ފަލަސްތީނުގެ ދައުލަތް ބަލައިގަތުމަށް ރުހުން ދޭނެ ކަމަށް ބެލެވޭއިރު، މޯލްޓާ އިން ވަނީ އެކަމާ މެދު ވިސްނަމުންދާ ކަމަށް ބުނެފައެވެ.

އިނގިރޭސިވިލާތާއި އޮސްޓްރޭލިއާ އިންވެސް ފަލަސްތީނުގެ ދައުލަތް ބަލައިގަތުމާ މެދު ވިސްނަމުންދާ ކަމަށް ވަނީ ބުނެފައެވެ. އެކަމަކު ޔޫރަޕުގެ އެންމެ ބާރުގަދަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ޖަރުމަނާއި ފްރާންސުން  ދަނީ ފަލަސްތީނު ވަކި ދައުލަތެއްގެ ގޮތުގައި ބަލައިގަންނަން ދެކޮޅު ހަދަމުންނެވެ. ފަރަންސޭސިވިލާތާއި ޖަރުމަނުވިލާތުން ބުނަމުން ދަނީ މިއީ ފަލަސްތީނު ވަކިދައުލަތެއް ގޮތުގައި ބަލައިގަންނަންވީ ވަގުތު ނޫން ކަމަށެވެ. މި ވިސްނުމަށް އެމެރިކާ ވެސް އިއުތިރާފް ވެއެވެ. މި ގައުމުތަކުން ގަބޫލުކުރަނީ ފަލަސްތީނަށް ވަކި ދައުލަތެއްގެ ދަރަޖަ ދެވޭނީ، އިޒްރޭލާ އެކު ގާއިމުކުރެވޭ ދާއިމީ ސުލްހައިގެ އެއްބަސްވުމެއްގެ ބައެއްގެ ގޮތުގައި ކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ