ޣައްޒާ (29 މޭ 2024): ހަމާސް ޖަމާއަތަށް ވާގިވެރިވާ، ފަލަސްތީނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ޖިހާދުން، އިސްރާއީލުގެ ރަހީނެއް ދިރިހުއްޓާ ޣައްޒާގައި ބަންދުކޮށްފައި ހުރި މަންޒަރު ދައްކައިދޭ ވީޑިއޯ އާންމުކޮށްފިއެވެ.
އިޒްރޭލުގެ މީޑިއާތަކުން ބުނާގޮތުގައި މިއީ 28 އަހަރުގެ ސާޝާ ޓްރޫޕަނޯވް ނަމަކަށް ކިޔާ މީހެކެވެ. 30 ސިކުންތުގެ މި ކްލިޕްގައި ހިބްރޫ ބަހުން މި މީހާ ވާހަކަ ދައްކާ ތަން ފެނެ އެވެ.
ހޮސްޓޭޖްސް އެންޑް މިސިންގ ފެމިލީސް ފޯރަމްގެ ކެމްޕޭން ގްރޫޕުން ބުނަނީ، އެ މީހާއަކީ އެލެގްޒެންޑަރ (ސާޝާ) ޓްރޫޕަނޯވް ކަމަށެވެ. ޣައްޒާގައި ބަންދުކޮށްފައި ތިބި ހުރިހާ އަސީރުން މިނިވަން ކުރުމަށް އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކަށް އެ ގްރޫޕުން ވަނީ ގޮވާލާފައެވެ.
އޭނާ، ޓީޝާޓެއް ލައިގެން ހުރި މަންޒަރު ފެންނަ ފުޓޭޖް ނެގީ ކޮން އިރަކު ކަމެއް ސާފެއް ނުވެ އެވެ.
ރަޝިޔާ އާއި އިސްރާއީލް މި ދެގައުމަށް ނިސްބަތްވާ، ޓްރޫޕަނޯވް އަތުލައިގަތީ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު އޭނާގެ މަންމަ އާއި ކާފަ އަދި ލޯބިވެރިޔާއާ އެކު ކިބުޓްޒް ނިރް އޮޒް އިންނެވެ.
މީނާއެކު ހައްޔަރުކުރި، ތިން އަންހެނުން ވަނީ، ހަނގުރާމަ ހުއްޓާލުމަށް ނޮވެމްބަރު މަހުގެ ފަހުކޮޅު ހަމާސް އާއި އިސްރާއީލާ އެކު ވީ އެއްބަސް ވުމުގެ ތެރެއިން މިނިވަންކޮށްފައެވެ. އެ އެއްބަސް ވުމުގެ ދަށުން 150 އަސީރުން ވަނީ ހަމާސުން މިނިވަންކޮށްފައެވެ.
މީގެ އިތުރުން ހަމާސްގެ ހަނގުރާމަވެރިން ވަނީ 252 މީހުން ރަހީނުކޮށްފައެވެ. އޭގެ ތެރެއިން 121 މީހުން ޣައްޒާގައި އެބަތި ކަމަށާއި 37 މީހުން މަރުވެފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ބުނެއެވެ.
އިސްރާއީލުގެ ހަމަލަތަކުގައި، ޣައްޒާގައި 36،096 މީހުން މަރުވެފައި ވާކަމަށާއި، އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށް ހަމާސް އިން ޣައްޒާގައި ހިންގާ ސިއްހީ އިދާރާއިން ބުނެއެވެ.


