އިމިގްރޭޝަނުން މަގުތައް މަތީ ހަރަކާތްތެރިވާ މަންޒަރު: ފޮޓޯ/ އިމިގްރޭޝަން

އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ބިދޭސީންނާ ގުޅުންހުރި ކަންކަމުގައި ފައިސާ ހޯދާ މައްސަލައެއް ފެންމަތިވެއްޖެ

މޯލްޑިވްސް އިމިގްރޭޝަންގެ ފަސް މުވައްޒަފުން ޤާނޫނާއި ޤާވާއިދާ ޚިލާފަށް ބިދޭސީންނާ ގުޅުންހުރި ބައެއްކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަމާ ގުޅިގެން ދާހިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ރޭ ވިދާޅުވީ، ޔުނިފޯމު އެޅި މުއައްސަސާތަކުގެ ތެރޭގައި ތިބެ ޔުނިފޯމުގެ ހުރުމަތްކަނޑައި، ރައްޔިތުންގެ ކުރިމަތީ މުއައްސަސާތަކުގެ އިތުބާރު ގެއްލުވަމުންދާ ފަރާތްތަކާއި ދޭތެރޭ ގާނޫނީ ގޮތުން އެޅޭ އެއްމެ ހަރުކަށި ފިޔަވަޅު އެޅުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު އޭނާއަށް އަންގަވާފައިވާ ކަމެއް ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އިމިގްރޭޝަންގެ ފަސް މުވައްޒަފުން ގާނޫނާއި ގަވާއިދުތަކާއި ޚިލާފަށް ބިދޭސީންނާއި ގުޅުން ހުރި ބައެއް ކަންކަންކޮށް، އެކި ފަރާތްތަކުން ނަހަމަގޮތުގައި ފައިސާ ހޯދަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ މަޢުލޫމާތު ލިބުމުން ފުލުހުން މެދުވެރިކޮށް އެމައްސަލަ ތަހުޤީޤު އެބަކުރައްވައެވެ.

މިފަދަ ކަންކަމަކީ މިސަރުކާރުން އެއްވެސް ވަރަކަށް ތަހައްމަލު ކުރާނެ ކަންކަމެއް ނޫން ކަމަށާއި، މި މައްސަލާގައި މިހާރު އެ މުވައްޒަފުން ބޭނުންކުރާ އިލެކްޓްރޯނިކް ސާމާނު ހިފެހެއްޓި ދިރިއުޅޭ ތަންތަން ބަލައި ފާސްކުރެވިފައިވާ ކަމަށްވެސް އިޙްސާން ވިދާޅުވިއެވެ.

"މިމައްސަލައިގެ އިތުރު ތަފްސީލުތައް ތަހުޤީގު ކުރިއަށްދާވަރަކުން ފުލުހުނާއި ކަމާއިބެހޭ އެހެން އިދާރާތައް ގުޅިގެން ހާމަކުރަމުންދާނެ ވާހަކަ ދަންނަވަން. އަދި ދައުލަތުގެ މުއައްސަސާތަކުގެ އިތުބާރު ގެއްލިދާނެފަދަ ކަންކަމުން ބަރީއަވެ ތިބުމަށް އެއްމެހާ ފަރާތްތަކަށް ތަކުރާރުކޮށް ދަންނަވަން،". ވަޒީރު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ރާއްޖޭގައި ބޮޑުވެފައިވަނިކޮށް، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ވަރުގަަދަ އޮޕަރޭޝަންތަކެއް އިމިގްރޭޝަނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެން ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި މިހާތަނަށް 4،000 އަށްވުރެ ގިނަ ބިދޭސީން ޑިޕޯޓްކޮށްލާފައިވާއިރު، މީގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި ކުރަމުންދާ މީހުންނާއި، ރާއްޖޭގައި އެކި ބާވަތްތަކުގެ ކުށްތައް ކުރާ މީހުން ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ