ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ރުއްތަކަށް ކުރިމަތިވެފައިވާ ހުދު ކޫޑީގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ޚާއްޞަ ޕެސްޓިސައިޑެއް ރުއްތަކަށް ލުމުގެ މަސައްކަތް ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.
މި މަސައްކަތަކީ ޗައިނާ ސަރުކާރުގެ އެހީގައި ހިންގާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ގެނެސްފައިވާ "ޔޭޖިއާޗިންގ" ޕެސްޓިސައިޑް ބޭނުންކޮށްގެން ކުރިއަށްދާ މަސައްކަތެކެވެ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ކުރި ތަޖުރިބާތަކުން ކާމިޔާބު ނަތީޖާއެއް ލިބުމާ ގުޅިގެން، ރަށްރަށުގައި ހުރި ރުއްތަކުގެ އަދަދަށް ބަލައި ކައުންސިލްތަކަށް މި ބޭސް ހަވާލުކުރަން ވަނީ ފަށާފައެވެ. އެގޮތުން އެންމެ ފުރަތަމަ ބޭސް ހަވާލުކޮށް، ރުއްތަކަށް ބޭސްލުމުގެ ޕްރޮގްރާމް ހިންގާފައިވަނީ ހއ. ބާރަށުގައެވެ.
ބޭސް ހަވާލުކުރުމުގެ އިންތިޒާމުތައް:
-
ހއ، ހދ، އަދި ށ. އަތޮޅު: ކައުންސިލްތަކުން ބޭހާ ހަވާލުވާނީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުންނެވެ.
-
އެހެނިހެން އަތޮޅުތައް: ބޭސް ހަވާލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ މާލެއިންނެވެ.
-
އެދިފައިވާ އެހެން ރަށްތައް: ލ. ކަލައިދޫ، ގދ. ފިޔޯރީ، އަދި އައްޑޫ ސިޓީ މީދޫ ފަދަ ހުދުކޫޑީގެ މައްސަލަ ބޮޑުވެގެން އެދިފައިވާ ރަށްރަށަށް ވެސް ސިޓީ ފޮނުވައި ބޭސް ހަވާލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ގަސްތަކަށްޖެހޭ ބަލިތައް ދެނެގަނެ، އެއަށް ދޭންޖެހޭ ފަރުވާ އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ރާއްޖޭގައި މިހާރު ވަނީ ޤައުމީ ފެންވަރުގެ ލެބޯޓަރީއެއް ވެސް ޤާއިމުކޮށްފައެވެ. އަދި ރުއްގަހަށް ޖެހޭ ބަލިތަކަށް ދާއިމީ ޙައްލެއް ހޯދުމަށް "ޗައިނީޒް އެކެޑަމީ އޮފް ޓްރޮޕިކަލް އެގްރިކަލްޗަރަލް ސައިންސަސް" ގެ ތަޖުރިބާކާރުންގެ ވަފުދަކާއެކު އެކުލަވާލި އެއްބަސްވުމުގެ ދަށުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.


