މާލެއާއި ވިލިމާލޭގެ މަގުތަކުގައި ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް މި ދަޢުރުގެ ތެރޭގައި ނިންމޭނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތްކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް ނަޡީމް ވިދާޅުވެއްޖެއެވެ. ސަރުކާރަށް 1 އަހަރު ފުރުމާ ގުޅިގެން ޕީއެސްއިން ގެނެސްދިން ޚާއްސަ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.
މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޡީމް ވިދާޅުވީ، މާލޭގެ މަގުތަކުގައި އަޑީގައި އޮތް ޔުޓިލިޓީ ވިއުގަވެސް ރަނގަޅުކުރާނެކަމަށާއި، ސަރވޭގެ މަސައްކަތްތައް ކުރިއަށްގެންދިޔައިރު މާލެ ސިޓީ ކައުންސިލް އަދި މާލޭގައި ފެނާ ނަރުދަމާއާއި ކަރަންޓުގެ ޚިދުމަތް ދޭ ކުންފުނީގެ އިތުރުން މުވާސަލާތީ ޚިދުމަތްތައް ދޭ ހުރިހާ ކުންފުނިތަކާއެކުވެސް ބައްދަލުކޮށް މަޝްވަރާކޮށްފައިވާކަމަށެވެ. އަދި އެމީހުންގެ ކަންބޮޑުވުންތައް ހުށައެޅުމަށް ފުރުޞަތު ދީފައިވާކަމަށެވެ.
ސަރވޭއަށް ބިނާކޮށް، މަގުތައް ތަރައްޤީކުރުމަށް އެ ޓީމުން ހުށައަޅާ ހުށައެޅުންތަކާއި ކުރެހުންތައް ވުޒާއަށް ހުށައަޅަން ކުރަންޖެހޭ ކަންކަން ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތްތައް ކުރަނީ ޗާއިނާގެ ކުންފުނީގެ އިތުރުން އިމާރާތްކުރުމާ ބެހޭ ވުޒާރާގެ އިންޖިއަރިންގ ޓީމްވެސް ހިމެނޭ ގޮތަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރު ޖެނުއަރީގައި ޗައިނާއަށް ކުރެއްވި ދަތުރުޅުގައި، އެ މަޝްރޫޢު ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދަން އެޤައުމުން ވަނީ އެހީ ދެއްވާފައެވެ. އަދި އެމަޝްރޫޢު ކުރިއަށްގެންދާނެ ކުންފުންޏެއް ކަނޑައަޅައި އެކަމުގެ މަސައްކަތްތައް ވަނީ ފަށާފައެވެ.
މި މަޝްރޫޢަށް ޗައިނާގެ ޓީމެއް ރާއްޖެއަށް ޒިޔާރަތްކޮށް މިހާރު ވަނީ ސަރވޭއާއި ގުޅޭ މަސައްކަތްތައް ނިންމާފައެވެ. އިމާރާތްކުރުމާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އިބްރާޙިމް ނަޡީމް ވިދާޅުވީ އެ ޓީމުން މި މަޝްރޫޢުގެ ފީސިބިލިޓީ ސްޓަޑީއާއި ސަރވޭގެ މަސައްކަތްތައް މިހާރު ނިންމާފައިވާކަމަށެވެ.
މި މަޝްރޫޢު ކުރިއަށް ގެންދަން ހަމަޖެހިފަވަނީ ޗައިނާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީގެދަށުންނެވެ. ސަރުކާރުގެ ޢަމާޒަކީ މިކަމުގެ ޢަމަލީ މަސައްކަތް މިފެށޭ 2025ވަނަ އަހަރުގެ ތެރޭގައި ފެށުމެވެ.


