ސުޕްރީމް ކޯޓުގެ އެއްވެސް ފަނޑިޔާރެއްގެ މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ނުބަލާކަމަށް ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަހުމަދު ޝިފާން މިއަދު ވިދާޅުވެއްޖެއެވެ.
މި މައްސަލަ ފެންމަތިވީ ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުން މަގާމުން ވަކިކޮށް، އެ ތަނަށް ސިޔާސީ ބަޔަކު ލާން އުޅޭކަމަށް ތުހުމަތުކޮށް އިދިކޮޅު އެމްޑީޕީން ނެރުނު ބަޔާނަކާ ގުޅިގެންނެވެ. އެއާއެކު އެ ކޯޓުގެ ތިން ފަނޑިޔާރެއްގެ މައްސަލަ ފުލުހުން ބަލަން ފަށާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދައުރުވާން ފެށިއެވެ.
މި ތުހުމަތުތަކާ ގުޅިގެން ސުވާލުކުރުމުން ޝިފާން ވަނީ މައްސަލަ ބަލާކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވާފައެވެ. ނަމަވެސް، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ އެ ކޮމިޝަނުން މައްސަލައެއް ބަލާކަން ވެސް ނުވަތަ ނޫންކަން ވެސް ބުނަން ދެކޮޅު ހަދައިފައެވެ.
އެމްޑީޕީގެ ބަޔާނުގައި ވަނީ، ސަރުކާރުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަގާމު ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލާ ދެކޮޅަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ނުފޫޒު ފޯރުވުން ކަމަށެވެ.
އެމްޑީޕީގެ މި ތުހުމަތުތައް ސަރުކާރު ހިއްސާވާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހު ވެސް ވަނީ ދޮގުކުރައްވާފައެވެ.



ކިޔުންތެރިންގެ ޚިޔާލުތައް:
އެހެންވިއްޔާ ޔަގީން ބަލަނީ