ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އިންތިޒާމްކޮށްގެން ބާއްވާ ކްލަބް ވޯލްޑްކަޕް ރާއްޖެ ގަޑިން މާދަމާ ފަތިހު 5:00 ގައި ފަށާނީ އެމެރިކާގެ މޭޖަރ ސޮކަރލީގުގެ އިންޓަމިއާމީ އާއި މިސްރުގެ އަލްއަހްލީ އެފްސީ މެޗުންނެވެ.
ބޮޑެތި ބަދަލުތަކާ އެކު ފަށާ ކްލަބް ވޯލްޑްކަޕަކީ ކުރީގައި ކޮންމެ ކޮންޓިނެންޓެއްގެ ޗެމްޕިއަން ޓީމުތަކުގެ މެދުގައި ކޮންމެ އަހަރަކު ފީފާއިން ބާއްވާ މުބާރާތެކެވެ. ނަމަވެސް މިއަހަރަށް ފަހު ދެން މުބާރާތް އޮންނާނީ ކޮންމެ ހަތަރު އަހަރަކުން އެއްއަހަރުއެވެ.
6 ކޮންޓިނެންޓުން 32 ކްލަބު ބައިވެރިވާ މި މުބާރާތުގައި މި 32 ޓީމު 8 ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން އެއްވަނަ އާއި ދެވަނަ ހޯދާ ޓީމު ދެވަނަ ބުރަށް ދާ ގޮތަށް ރޭވިފައިވެއެވެ. އެމެރިކާގެ 11 ސަހަރެއްގެ 12 ސްޓޭޑިއަމްގައި ކުޅޭ މި މުބާރާތް މި ޖޫން މަހުގެ 14 އިން ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.
މި މުބާރާތުގެ ރެއާލް މެޑްރިޑާއި އެތްލެޓިކޯ އާއި ބަޔާން މިއުނިކާއި މެންޗެސްޓަރ ސިޓީ އާއި އިންޓަމިލާން އާއި ޔުވެންޓަސް އާއި ޗެލްސީ ފަދަ މަޝްހޫރު ޓީމުތައް ބައިވެރިވެއެވެ. މީގެ އިތުރުން އާޖެންޓީނާގެ ސުޕަރ ސްޓަރ ލިއޮނަލް މެސީ ކުޅޭ އިންޓަރމިއާމީ ވެސް މި މުބާރާތުގައި ކުޅޭނެއެވެ.
ކްލަބް ވޯލްޑްކަޕްގެ ހުރިހާ މެޗެއް ރާއްޖޭގެ މީޑިއާނެޓުން ވަގުތުން ދައްކާނެއެވެ.


