ކްލަބު ވޯލްޑްކަޕްގެ ފެށުމުގެ ގޮތުން އެމެރިކާގެ މޭޖަރ ސޮކަރލީގުގެ އިންޓަމިއާމީ އާއި މިސްރުގެ އަލްއަހްލީ އެފްސީ ބައްދަލުކުރި މެޗު އެއްވަރުވީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. އެމެރިކާގެ މިއާމީ ހާޑްރޮކް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހު ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އަލްއަހްލީ ގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެން ދިޔައެވެ. ނަމަވެސް އިންޓަރމިއާމީގެ އާޖެންޓީނާ ކީޕަރ އުސްތަރީ ވަނީ އެ ހަމަލާތައް ހިފަހައްޓާފައެވެ. އަދި މެޗުގެ ފުރަތަމަހާފު ނިމެން އުޅެނިކޮށް އަލްއަހްލީއަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. އަލްއަހްލީގެ މިސްރު ޤައުމީ ޓީމުގެ ފޯވާޑް މަހްްމޫދޫ ޓްރެޒެގޭ ފޮނުވާލި ޕެނަލްޓީ އިންޓަރމިއާމީގެ ކީޕަރު އުސްތަރީ މަތަކުރިއެވެ.
މެޗުގެ ދެވަނަ ހާފުގައި ފެނުނީ އިންޓަރމިއާމީގެ ހަމަލާތަކެވެ. އެގޮތުން އެޓީމުން ފޮނުވާލި ގިނަ ހަމަލާތައް މިސްރުގެ ޤައުމީ ޓީމުގެ ކީޕަރ މުޙައްމަދު އައްޝަނާވީ ވަނީ ހިފަހައްޓާފައެވެ. އަދި ޚާއްސަކޮށް މެޗުގެ އެންމެ މިނެޓް ކޮޅުގައި އިންޓަމިއާމީގެ ކެޕްޓަން މެސީ ޖެހި ނުރައްކާތެރި ބޯޅަ އާއި އެޓީމުގެ ޑިފެންޑަރ ފެލްކަން ޖެހި ނުރައްކާތެރި ބޯޅަ ފާހަގަކުރެވުނެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އަލްއަހްލީ އިން ފޮނުވާލި ނުރައްކާތެރި ހަމަލާތައް މަތަކުރި އިންޓަރމިއާމީގެ ގޯލް ކީޕަރ އޮސްކާ އުސްތާރީއެވެ. ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން އިންތިޒާމްކޮށްގެން ބާއްވާ ކްލަބް ވޯލްޑްކަޕްގައި މިރޭ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ބަޔާން މިއުނިކާއި އޮކްލޭންޑް ސިޓީ އެވެ. މި މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ. މިރޭ ރާއްޖެ ގަޑިން 12:00 ގައި ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ޔޫރަޕްގެ ޗެމްޕިއަން ޕީއެސްޖީ އާއި އެތްލެޓިކޯ މެޑްރިޑެވެ. އަދި މިރޭ ރާއްޖެ ގަޑިން މެންދަމު 3:00 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ޕޯޓޯ އާއި ޕަލްމޭރަސްއެވެ.


