އެމެރިކާގައި މިހާރު ކުރިޔަށްދާ ކްލަބް ވޯލްޑްކަޕްގައި އިނގިރޭސި ކްލަބު ޗެލްސީގެ ފުރަތަމަ މެޗުގައި އެމެރިކާގެ ލޮސް އެންޖެލެސް އަތުން މޮޅުވީ 2 ލަނޑު 0 ލަނޑުންނެވެ. އެމެރިކާގެ އެޓްލާންޓާގައި ރޭގައި ކުޅުނު މި މެޗުގައި ޗެލްސީ ވަނީ މުޅި މެޗް ޑޮމިނޭޓްކޮށް ގިނަ ހަމަލާތައް އުފައްދާފައެވެ. ޗެލްސީގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ 34 މިނެޓްގައި ޕެޑްރޯ ނެޓޯއެވެ. ޗެލްސީގެ ފަހު ގޯލު ޖެހީ ފަހުހާފުގެ 79 މިނެޓްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެރި އެޓީމުގެ ކެޕްޓަން އެންޒޯ ފެނާންޑެޒްއެވެ. އެންޒޯ މި ގޯލު ޖެހީ މިފަހަރު އިޕްސްވިޗް ޓައުން އިން ޗެލްސީއަށް އަލަށް ގުޅުނު ލިއަމް ޑެލަޕްގެ ހުރަހަކުންނެވެ.
މި ގްރޫޕްގައި ހިމެނޭ ބްރެޒިލްގެ ފްލެމިންގޯ ވަނީ ރޭގައި ޓިއުނީޝިއާގެ ކްލަބު އެސްޕެރެންސް 2-0 އިން ބަލިކޮށްފައެވެ.
ކްލަބު ވޯލްޑްކަޕްގައި ރޭގައި ކުޅުނު އެންމެ ފޯރިގަދަ މެޗަަކަށްވީ ގްރޫޕް ސީ ގައި އާޖެންޓީނާގެ ބޮކަ ޖޫނިއަސް އާއި ޕޯޗުގަލްގެ ބެންފީކާ ކުޅުނު މެޗެވެ. މި މެޗްގައި ބޮކަ ޖޫނިއަސް އިން ދެ ގޯލު ޖަހާފައިވަނިކޮށް ބެންފީކާގެ އާޖެންޓީނާގެ ދެ ކުޅުންތެރިންކަމަށްވާ ޑިމާރިއާ އާއި އޮޓެމެންޑީ ގޯލު ޖަހައިގެން މެޗު އެއްވަރުވީ 2-2 އިންނެވެ. ޑިމާރިއާގެ ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ. މި މެޗުގައި ބެންފީކާގެ ބެލޮއްޓީ އަށާއި ބޮކަ ޖޫނިއަސްގެ ހެރޭރާ އާއި ފިގަލް އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. ބޮކަ ޖޫނިއަސް ފުރަތަމަ އެގާރައިގައި ހިމެނި ހެރޭރާ ކުޅެވުނީ 20 މިނެޓެވެ. އެޔަށްފަހު އޭނާ ވަނީ އިންޖަރީވެގެން ބާލާފައެވެ. ހެރޭރާއަށް ކާޑް ދެއްކީ ބެންޗުގައި އިންދައެވެ.


