ޗެލްސީ ބަލިވިއިރު ، ބަޔާން ވަނީ ދެވަނަ ބުރު ޔަޤީންކޮށްފައި

ފީފާ ކްލަބް ވޯލްޑްކަޕްގައި ބްރެޒިލްގެ ފްލެމިންގޯ އަތްދަށުވެ ޗެލްސީ ބަލިވީ 3-1 އިންނެވެ. ގްރޫޕް ޑީ ގައި ރޭގައި ޗެލްސީއާ ފްލެމިންގޯ ކުޅުނު މެޗުގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓްގައި ޗެލްސީގެ ޕެޑްރޯ ނެޓޯއެވެ. މީގެ އިތުރުންވެސް ގޯލު ޖަހާނެ ފުރަުސަތުތަކެއް ދެ ޓީމަށްވެސް ލިބިގެންދިޔައެވެ. ދެވަނަ ހާފުގައި ކައިރިކައިރީގައި ފްލެމިންގޯގެ ބުރޫނޯ ހެންރިކު އާއި ޑެނީލޯ ގޯލު ޖަހާ ފްލެމިންގޯއަށް ލީޑު ނަގައިދިނެވެ. ފްލެމިންގޯގެ ދެވަނަ ގޯލު ޖެހިތާ އިރުކޮޅެއް ފަހުން ޗެލްސީގެ ނިކޮލަސް ޖެކްސަން ކުރި ނުރައްކާތެރި ފައުލްއަކާ ގުުޅިގެން އޭނާއަށް ރެފްރީ ސީދާ ރަތްކާޑެއް ދައްކާ ދަނޑުން ފޮނުވާލިއެވެ. 10 ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ޗެލްސީކޮޅަށް ފްލެމިންގޯއިން 3 ވަނަ ގޯލު ޖެހީ 83 ވަނަ މިނެޓްގައި ވަލެސްއެވެ.

މި ގްރޫޕްގައި ހިމެނޭ ޓިއުނީޝިއާގެ އެސްޕެރެންސްގެ ޔޫސުފް ބިލާލީ ޖެހި ހަމައެކަނި ގޯލުން އެމެރިކާގެ ލޮސްއެންޖެލެސް ބަލިކޮށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު އޭޓީމުން ހޯދިއެވެ. މި ނަތީޖާގެ ސަބަބުން އެއްވެސް ޕޮއިންޓެއް ނުލިބޭ ލޮސްއެންޖެލެސް ޓީމުވަނީ މުބާރާތުން ކަޓާފައެވެ.

ގްރޫޕް ސީގައި އާޖެންޓިނާގެ ބޮކަ ޖޫނިއަސް 2-1 އިން ބަލިކޮށް 6 ޕޮއިންޓް ހޯދާ ބަޔާން މިއުނިކް ވަނީ ދެވަނަ ޔަޤީންކޮށްފައެވެ. މެޗުގެ 18 ވަނަ މިނެޓްގައި ބަޔާންގެ ފުރަތަމަ ގޯލު ޖެހީ ކޭން އެވެ. މެޗުގެ 66 ވަނަ މިނެޓްގައި ބޮކަ ޖޫނިއާސްގެ ކެޕްޓަން އުރުގުއޭގެ މިގުއެލް މެރެންޓިއަލް ޖެހި މޮޅު ގޯލާއެކު ނަތީޖާ ހަމަހަމަ ކުރިއެވެ. ބަޔާން މޮޅު ކޮށްދިން ގޯލު 88 ވަނަ މިނެޓްގައި ޖަހައިދިނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އޮލިސޭއެވެ.

މި ގްރޫޕްގެ ބެންފިކާ ވަނީ އޮކްލޭންޑް ސިޓީ 6-0 އިން ބަލިކޮށް ދެ ވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފައެވެ. މި މެޗުގައި ޑިމާރިއާ އާއި ލިއެންޑްރޯ ބެރެއިރޯ ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހާފައެވެ. ޑިމާރިޔާ ޖެހި ދެ ގޯލަކީ އެ ޓީމަށް ލިބުނު ދެ ޕެނަލްޓީގައި ޖެހި ދެ ގޯލެވެ. ބެންފީކާގެ އަނެއް ގޯލު ޖަހައިދިނީ ރެނޭޓޯ ސަންޗޭޒްއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ