ވޮލީ ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ ޤައުމީ ލީގު 2025ގެ ފިރިހެން ޑިވިޝަންގެ ކުޅުން އިއްޔެ ފަށައިފިއެވެ. މި މުބާރާތުގައި ވާދަކުރަނީ 2 ޖުލައިގައި ނިމުނު ވީއެމްކަޕުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބާއި ރަނައަޕް ކްލަބު އެޗްޑީސީ އާއި ތިންވަނަ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ހުރާ ކްމިއުނިޓީ ކްލަބުގެ އިތުރުން ޕޮލިސް ކްލަބެވެ. އަދި ޤައުމީ ވޮލީ ލީގުގެ އެންމެ ގަދަ 4 ޓީމުގެ ވީއޭއެމް ވޮލީބޯޅަ ޗެމްޕިއަންޝިޕަށް ކޮލިފައިވާނެއެވެ.
އިއްޔެ ހަވީރު ޒުވާނުން މަރުކަޒު އެތެރެ ކޯޓުގައި ފެށި ޤައުމީ ވޮލީބޯޅަ ލީގު 2025 ގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ހުރާ ކްމިއުނިޓީ ކްލަބާއި ޕޮލިސް ކްލަބެވެ. މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބު ކުރީ ހުރާ އެވެ. ފުރަތަމަ ސެޓް ހުރާ އިން ގެންދިޔައީ 25-23 އަދި 25-17 އިންނެވެ. ނަމަވެސް މެޗުގެ ތިން ވަނަ ސެޓް ޕޮލިހުން 25-22 އިން ކާމިޔާބުކޮށް އުއްމީދު ޢަކުރިއެވެ. މެޗުގެ ހަތަރުވަނަ ސެޓް 25-23 އިން ހުރާއިން ގެންގޮސް މެޗު ކާމިޔާބު ކުރިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ހުރާ ކޮމިއުނިޓީ ކްލަބަށް ކުޅޭ ސްރީލަންކާގެ ތަރުޝާއެވެ.
ރޭގައި ކުޅުނު މެޗުގައި ބައްދަލުކުރީ ކްލަބު އެޗްޑީސީ އާއި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. ގިނަ ބަޔަކު ހީކުރި ގޮތާ ޚިލާފަށް މި މެޗު 3 ސެޓް 1 ސެޓުން ކާމިޔާބު ކުރީ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބެވެ. މެޗުގެ ފުރަތަމަ ސެޓް 25-21 އިން ގެންދިޔައީ އެޗްޑީސީއެވެ. ނަމަވެސް ޖެހިގެން އައި ތިން ސެޓް ގެންގޮސް ދަނޑިމަގުން މެޗު ކާމިޔާބު ކުރިއެވެ. އެޓީމުގެ ސެޓްތައް ގެންދިޔައީ 25-21 ، 25-22 އަދި 25-14 އިންނެވެ. މި މެޗުގައި އެޗްޑީސީގެ ކުޅުންތެރިން ކިބައިން ފެނުނީ ވަރުބަލިކަމެވެ. އަދި ފަހު ސެޓްގައި ދަނޑިމަގުގެ ކުޅުންތެރިން ފަރާތުން ގިނަ ބްލޮކްތަކެއް ފެނުނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ކުޅޭ މޮންގޯލިޔާގެ ސެޓަރު ޒޮލްބޫއެވެ.
މި މުބާރާތުގައި މިއަދުވެސް ދެ މެޗު ކުޅޭނެއެވެ. ހަވީރު 4:30 ގައި ބައްދަލުކުރާނީ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ޕޮލިސް ކްލަބެވެ. އަދި މިރޭ 8:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ ދިވެހި ސިފައިންގެ ކްލަބާއި ހުރާ ކޮމިއުނިޓީ ކްލަބެވެ.


