ޗެލްސީ ސެމީ ފައިނަލުން ޖާގަ ހޯދައިފި

ހަނިގޮތަކަށް ބްރެޒިލްގެ ޕަލްމެއިރަސް އަތުން 2-1 އިން މޮޅުވެ ފީފާ ކްލަބް ވޯލްޑްކަޕްގެ ސެމީފައިނަލަށް ޗެލްސީ ދަތުރުކޮށްފިއެވެ. ރޭގައި ކުޅުނު ކްއާޓަ ފައިނަލް މެޗުގައި ގިނަ ވަގުތު ބޯޅަ ކޮންޓްރޯލުކޮށްގެން ކުޅުނީ ޗެލްސީންނެވެ. ޗެލްސީގެ ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓްގައި ކޯލް ޕާމާރ އެވެ. ޕަލްމެއިރަސްގެ ގޯލު ޖެހީ ފަހުހާފުގައެވެ. 53 ވަނަ މިނެޓްގައި މި ގޯލު ޖަހައިދިނީ އަންނަ ސީޒަންގައި ޗެލްސީއަށް ކުޅެން ސޮއިކޮށްފައިވާ ބްރެޒިލް 18 އަހަރުގެ ޒުވާން ފޯވާޑް އެސްޓަވާއޯއެވެ.

ޗެލްސީ މޮޅުވި ގޯލަކީ 83 ވަނަ މިނެޓްގައި ޕަލްމެއިރަސްގެ ޑިފެންޑަރެއް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ސެމީފައިނަލްގައި ޗެލްސީ ވާދަކުރާނީ ބްރެޒިލްގެ ފްލުމިނެންސްއާއެވެ. ފްލުމިނެންސް ސެމީފައިނަލަށް ދަތުރުކުރީ ރޭގައި ކުޅުނު ކްއާޓަރ މެޗުން 2-1 އިން މޮޅުވެގެންނެވެ. އެޓީމާ ދެކޮޅަށް ކުޅުނީ މި މުބާރާތުގައި އެންމެން ސިއްސުވާލާ މެންޗެސްޓަރ ސިޓީ ބަލިކޮށް ކްއާޓައިން ޖާގަ ހޯދި ސައުދީ ކްލަބް އަލްހިލާލުއެވެ. ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ފުރަތަމަ ގޯލު ޖެހީ 40 ވަނަ މިނެޓްގައި ފްލުމިނެންސްގެ މެތުއަސް މާތިނެއްލީއެވެ. ދެވަނަ ހާފު ފެށިގެން 51 ވަނަ މިނެޓްގައި ލިއަނާޑ ގޯލެއް ޖަހާ ނަތީޖާ ހަމަހަމަކުރިއެވެ. ފްލުމިނެންސް މޮޅުވި ގޯލު ޖެހީ 70 ވަނަ މިނެޓްގައި އެޓީމުގެ ހާކިއުލަސްއެވެ.

މި މުބާރާތުގައި މިރޭ ކުޅޭނީ ކްއާޓަރ ފައިނަލްގެ ބާކީ ދެ މެޗެވެ. ރާއްޖެ ގަޑިން މިރޭ 9:00 ގައި ބައްދަލުކުރާނީ ޕީއެސްޖީ އާއި ބަޔާން މިއުނިކެވެ. އަދި ރާއްޖެ ގަޑިން މިރޭ ދަންވަރު 1:00 ގައި ކުޅޭނީ ރެއާލް މެޑްރިޑާއި ބްރޫޝިއާ ޑޯޓްމަންޑެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ