ފޯރިގަދަ ކުޅުމަކަށްފަހު ފީފާ ކްލަބު ވޯލްޑްކަޕްގެ ސެމީ ފައިނަލަށް ޕީއެސްޖީ އާއި ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ. ރޭގައި ކުޅުނު ކްއާޓަރ ފައިނަލް މެޗުގައި ޕީއެސްޖީ ބައްދަލުކުރީ ބަޔާން މިއުނިކާއެވެ. މި މެޗް 2-0 އިން ކާމިޔާބު ކުރީ ޕީއެސްޖީއެވެ.
ދެ ޓީމުގެ ފަރާތުން ފުރަތަމަ ހާފުގައި ފެނުނީ ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ބަޔާންގެ ޖަމާލް މުސިއާލާ އާއި ޕީއެސްޖީގެ ކީޕަރ ދޮނަރުއްމާ ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި މުސިއަލާއަށް ވަނީ ވަރަށް ބޮޑު އިންޖަރީއެއްވެފައެވެ. އޭނާގެ ކުޑަހުޅު ވަނީ އެނބުރިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން މުސިއަލާ ރިކަވަރ ވާން 5 މަސްދުވަސް ނަގާނެކަމަށްވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ބަޔާންގެ ކުޅުން ވަރުގަދަކުރިއެވެ. ނަމަވެސް ގޯލެއް ޖެހީ ޕީއެސްޖީންނެވެ. 78 ވަނަ މިނެޓްގައި މި ގޯލު ޖަހައިދިނީ އެޓީމުގެ ޒުވާން ފޯވާޑް ޑުއޭއެވެ. ޕީއެސްޖީ ލަނޑަށްފަހު 4 މިނެޓްފަހުން އެޓީމުގެ ޑިފެންޑަރ ޕަޗޯ ކުރި ފައުލްއަކާ ގުޅިގެން ރެފްރީވަނީ އޭނާއަށް ސީދާ ރަތްކާޑު ދައްކާފައެވެ. އެއްކުޅުންތެރިން މަދުކޮށް ކުޅެމުންދަނިކޮށް އިތުރު ވަގުތުގައި ޕީއެސްޖީގެ ލޫކަސް ހާނަންޑެޒް އަށްވެސް ވަނީ ރެފްރީ ރަތްކާޑް ދައްކާ ދަނޑުން ފޮނުވާލާފައެވެ. 9 ކުޅުންތެރިންނާއެކު އިތުރު ވަގުތުގައި ކުޅެމުން ޕީއެސްޖީއަށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކޮށްދިނީ ފަހުހާފުގައި ކުޅެން ނިކުތް އުސްމާން ޑެންބަލޭއެވެ.
ރެއާލް މެޑްރިޑް ސެމީ ފައިނަލަށް ދަތުރުކުރީ ކްއާޓަރ ފައިނަލްގައި ޖަރުމަންގެ ބްރޫޝިއާ ޑޯޓްމަންޑް 3-2 އިން ބަލިކޮށްފައެވެ. މި މެޗުގައި ވެސް ފެނުނީ ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ރެއާލް ގެ ހަމަލާތައް ނުރައްކާތެރިއެވެ. މެޗުގެ ފުރަތަމަ ހާފުގެ 10 އަދި 20 ވަނަ މިނެޓްގައި އެ ޓީމުގެ ޒުވާން ފޯވާޑް ގޮންޒާލޯ ޖެހި ދެ ގޯލުން އެޓީމުން ފުރަތަމަ ހާފު ނިންމާލީ މި ސްކޯރގައެވެ. ފަހުހާފުގައި ޑޯޓްމަންޑުން ގިނަ ހަމަލާތަކެއް ދިނެވެ. މެޗުގެ 90 މިނެޓް ކުޅެ ނިމުމުން ރެފްރީ 5 މިނެެޓްގެ އިތުރު ވަގުތު ދެއްކިއެވެ. އިތުރު ވަގުތުގެ 2 ވަނަ މިނެޓްގައި ޑޯޓްމުންޑުގެ ބެއިއަރ ގޯލެއް ޖަހާ ފަރަގު ކުޑަކުރިއެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން ބަދަލު ކުޅުންތެރިޔަކަށް އެރި ރެއާލްގެ އެމްބާޕޭ ގޯލެއް ޖަހާ ލީޑު ފުޅާކުރިއެވެ. ޑޯޓްމަންޑްގެ ފަހު ގޯލަކީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ގޫރައްސީ ޖެހި ގޯލެކެވެ. މި ޕެނަލްޓީއަކީ އޭނާ ރެއާލްގެ އޭރިއާތެރޭން ބޯޅަ ހިފައިންގެ ދަނިކޮށް ރެއާލްގެ ޑިއާން ހޫޔެން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެންމެ ފަހު ޑިފެންޑަރގެ ގޮތުގައި ހުރި ކުރި ފައުލުން އޭނާއަށް ވަނީ ރަތްކާޑެއްވެސް ދައްކާފައެވެ.
ސެމީފައިނަލްގައި ރެއާލް ވާދަކުރާނީ ޕީއެސްޖީއާއެވެ.


