އުތުރު އެމެރިކާއާއި ކެރީބިއަން ޤައުމުގެ ފުޓްބޯޅަ މައި އިދާރާ ކޮންކާކަފް އިން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑް ކަޕް 2025 ގެ ޗެމްޕިއަންކަން މެކްސިކޯ ހޯދައިފިއެވެ. ކޮންކާކަފްގެ 15 ޤައުމާއި އަދި ޚާއްޞަ ދައުވަތު ދީގެން ބައިވެރިވި ސައުދީ އަރަބިއްޔާ އާ އެކު ޖުމްލަ 16 ޓީމާއެކު 6 ޖޫން 2025 ގައި ފެށި މި މުބާރާތުގެ ފައިނަލް ކުޅުނީ ރޭގައެވެ.
ފައިނަލްގައި މެކްސިކޯ ވާދަކުރީ މުބާރާތް ބާއްވާ ޤައުމު އެމެރިކާއާއެވެ. ފައިނަލް މެޗުގެ 3 ވަނަ މިނެޓްގައި އެމެރިކާ ކުޅުންތެރިން ނެގި ހުރަހަކުން ބޮލުން ޖަހާ ފުރަތަމަ ގޯލު ޖެހީ އެމެރިކާގެ ޑިފެންޑަރ ކްރިސް ރިޗަޑްސްއެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުގެ ކުރިން މެކްސިކޯގެ ރައުލް ޖިލްމެނެޒް ގޯލެއް ޖަހާ ނަތީޖާ ހަމަހަމަ ކުރިއެވެ. މެކްސިކޯ މޮޅުވި ގޯލު ޖެހީ 77 ވަނަ މިނެޓްގައި އެޑްސަން އަލްވަރޭޒްއެވެ. މީގެ އިތުރުންވެސް ދެ ޓީމަށް ލަނޑު ޖަހާނެ އިތުރު ފުރުސަތުތައް ލިބި ބޭކާރުވިއެވެ. މިއީ ގޯލްޑްކަޕްގެ ޗެމްޕިއަންކަން މެކްސިކޯ ހޯދި 10 ވަނަ ފަހަރެވެ. 2023 ވަނަ އަހަރުވެސް ޗެމްޕިއަންކަން ހޯދާފައިވަނީ މެކްސިކޯއެވެ.


