އެމެރިކާގައި މިހާރު ކުރިޔަށްދާ ފީފާ ކްލަބް ވޯލްޑްކަޕްގެ ފައިނަލުން އިނގިރޭސި ކްލަބް ޗެލްސީ ޖާގަ ހޯދައިފިއެވެ. ރޭގައި ކުޅުނު ސެމީ ފައިނަލް މެޗުން ޗެލްސީ މޮޅުވީ ބްރެޒިލްގެ ފްލުމިނެންސް އަތުން 2-0 އިންނެވެ. މެޗުގައި ދެ ޓީމުގެ ފަރާތުން ފެނުނީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް ޗެލްސީގެ ހަމަލާތައް އިތުރެވެ. ޗެލްސީގެ ދެ ގޯލުވެސް ޖެހީ މި މަހު ޗެލްސީއާ ގުޅުނު ބްރެޒިލްގެ ޒުވާން ފޯވާޑް ޖާއޯ ޕެޑްރޯއެވެ. ފްލުމިނެންސް ގެ ޒުވާން ޓީމުން ކުޅުމުގެ ތެރެޔަށް ވަން ޖާއޯ ޕެޑްރޯގެ ފުރަތަމަ ގޯލު ޖެހީ މެޗުގެ 18 ވަނަ މިނެޓްގައެވެ. ދެވަނަ ގޯލު ޖެހީ އެންޒޯ ފެނާންޑެޒް ދިން ޕާހަކުން 56 ވަނަ މިނެޓްގައެވެ.
13 ޖުލައި ގައި ކުޅޭ ފައިނަލްގައި ޗެލްސީ އާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ މިރޭ ރާއްޖެ ގަޑިން 12:00 ގައި ކުޅޭ ސެމީ ފައިނަލުގައި ރެއާލް މެޑްރިޑާއި ޕީއެސްޖީ ކުޅޭ މެޗުން މޮޅުވާ ޓީމެކެވެ.


