ޤައުމީ ވޮލީބޯޅަ ލީގުގައި ރޭގައި ކުޅުނު މެޗުން ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު 3 ސެޓް 2 ސެޓުން ބަލިކޮށް ދިވެހި ސިފައިންގެ ކްލަބު ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ސިފައިންގެ ޓީމަށް 3 މެޗުން 8 ޕޮއިންޓް ލިބިފައިވެއެވެ. މިއަދު ހަވީރު ހުރާ ކޮމިއުނިޓީ ކްލަބް އާއި ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބައްދަލުކުރާ މެޗުން ހުރާ ބަލިވެއްޖެ ނަމަ ސިފައިންނަށް ޗެމްޕިއަންކަން ކަށަވަރުވާނެއެވެ. ހުރާ މޮޅު ވިޔަސް މިރޭ އެޗްޑީސީ އާ ސިފައިންގެ މެޗުން ސިފައިން މޮޅު ވެއްޖެ ނަމަ ޗެމްޕިއަންކަން ސިފައިންނަށް ލިބޭނެއެވެ.
ރޭގައި ސިފައިންގެ ކްލަބާ ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބައްދަލު ކުރި މެޗުގެ ފުރަތަމަ ސެޓް ތަފާތު ބޮޑުކޮށް 25-14 އިން ކާމިޔާބު ކުރީ ދަނޑިމަގެވެ. މި ސެޓްގައި ސިފައިންގެ ޓީމުގެ ބްރެޒިލް ކުޅުންތެރިޔާ ރެފްރީގެ ނިންމުންތަކާ ދެކޮޅު ހެދުމުން ރަތްކާޑު ދައްކާ ފޮނުވާލިއެވެ. ދެވަނަ ސެޓްގައިވެސް ސިފައިންގެ ޓީމު ހަމަޔަކަށް ނޭޅި އުޅެނިކޮށް ދަނޑިމަގުން 25-23 އިން މި ސެޓްވެސް ކާމިޔާބު ކުރިއެވެ. ނަމަވެސް ޖެހިގެން އައި 3 ސެޓް ގެންގޮސް ސިފައިންގެ ފެންވަރު ދައްކާލާ މެޗު ކާމިޔާބު ކުރިއެވެ. ސިފައިންގެ ސެޓްތައް ގެންދިޔައީ 25-22 ، 25-21 އަދި ފަހު ސެޓް ތަފާތު ބޮޑުކޮށް 15-5 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ސިފައިންގެ ޓީމުގެ ޙުސައިން ރައްޒާނުއެވެ.
އިއްޔެ ވަނީ ކްލަބް އެޗްޑީސީ ފުރަތަމަ މޮޅު ހޯދާފައެވެ. ކުރިން ކުޅުނު ދެ މެޗުން ބަލިވެފައިވާތީ އެޓީމަށް ޤައުމީ މުބާރާތުން ޖާގައެއް ހޯދުމަށް މޮޅުވާން މަޖުބޫރު މި މެޗުގައި ބައްދަލުކުރީ ޕޮލިސް ކްލަބާއެވެ. މި މެޗު ސީދާ ތިން ސެޓުން އެޗްޑީސީ ވަނީ ޕޮލިސް ބަލިކޮށް ތިން ޕޮއިންޓް ހޯދާފައެވެ. އެޗްޑީސީއިން ސެޓްތައް ގެންދިޔައީ 25-21 ، 26-24 އަދި 25-11 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކްލަބް އެޗްޑީސީގެ އިސްމާއިލް ސާޖިދު ( ކުޑަ ކާއްޓޭ) އެވެ.


