ރ.އަތޮޅު ކައުންސިލްގެ ފުޓްސަލް މުބާރާތުގައި އިއްޔެވެސް ވަނީ ފޯރިގަދަ މެޗުތަކެއް ކުޅެފައެވެ. އެގޮތުން ގްރޫޕްބީ ގައި ރޭގައި އެންމެ ފަހުން ކުޅުނު މެޗުގައި ކިނޮޅަހު ޓީމުގެ ޝަމްވީލު އާއި ރިމާހު ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރާ 6 ގޯލު ޖަހައިގެން މީދޫ ޓީމުންވަނީ ފަސޭހަކަމާއެކު 6 ލަނޑު 2 ލަނޑުން މެޗު ކާމިޔާބުކޮށްފައެވެ. މި މެޗުގައި މީދޫ ޓީމުގެ ރަޝާދު ޢަބްދުލްމަތީން ( ރޭޑިއޯ ) 3 ގޯލު ޖަހާ ހެޓްރިކް ހަދާފައިވެއެވެ. މިއީ ރޭޑިއޯ މި މުބާރާތުގައި ޖެހި 10 ވަނަ ގޯލެވެ. ދެން މީދޫ ޓީމުން ގޯލު ޖެހީ ޢަބްދުލް މުޙައިމިނާއި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު އަޙްމަދު ޙުސައިނެވެ. އަޙްމަދު ޙުސައިން ވަނީ ދެ ގޯލު ޖަހާފައެވެ.
ގްރޫޕް ބީގައި ދެން ކުޅުނީ ދުވާފަރާއި އިންނަމާދޫއެވެ. މި މެޗު 8 ލަނޑު 1 ލަނޑުގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބު ކުރީ ދުވާފަރެވެ. މި މެޗުގައި ދުވާފަރު ޓީމުގެ މުޙައްމަދު އިޝާމް ( ސަންޓޭ ) ވަނީ ތިން ގޯލު ޖަހާ ހެޓްރިކް ހަދާފައެވެ. ދެން ދުވާފަރުން ގޯލު ޖެހީ އިސްމާއީލް ޢީސާ އާއި އަނާން އަދި މިލްހާންއެވެ. އިސްމާއީލް އާއި އަނާން ވަނީ މިއިން ކޮންމެ ކުޅުންތެރިޔެއް ދެ ގޯލު ޖަހާފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މުޙައްމަދު އިޝާމް ( ސަންޓޭ )އެވެ. ދުވާފަރުން މި މުބާރާތުގައި ކުޅުނު ތިން މެޗުވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެ ޓީމު ވަނީ އިއްޔެގެ މޮޅާއިއެކު 9 ޕޮއިންޓް ހޯދާ ސެމީ ފައިނަލުން ޖާގަވެސް ހޯދާފައެވެ.
އިއްޔެ ހަވީރު ކުޅުނީ ގްރޫޕްއޭ ގެ މެޗެކެވެ. ބައްދަލުކުރީ މާކުރަތާއި ވާދޫއެވެ. މި މެޗު 4 ލަނޑު 3 ލަނޑުން ކާމިޔާބުކުރީ މާކުރަތެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނު މާކުރަތު ޓީމުގެ އަޙްމަދު މަޤްބޫލު ވަނީ ދެ ގޯލު ޖަހައިދީފައެވެ. މާކުރަތު ޓީމުގެ އަނެއް ގޯލުތައް ޖެހީ ނާޝިއު އާއި ސާހިލްއެވެ. ވާދޫގެ 3 ގޯލުގެ ތެރެއިން ދެ ގޯލު ޖަހައިދިނީ ޔާސީންއެވެ. އަނެއް ގޯލު ޖެހީ މާއިސްއެވެ.
މިއަދު ކުޅޭނީ ގްރޫޕްއޭ ގެ ތިން މެޗެވެ. އެގޮތުން ގްރޫޕް އެއްވަނައިގައި އޮތް އިނގުރައިދޫ އާއި އަލިފުށި މެޗު ހަވީރު ކުޅޭއިރު ، ރޭގަނޑު ކުޅޭނީ ރަސްމާދޫ އާއި މާކުރަތު މެޗާއި ވާދޫ އާއި މަޑުއްވަރީ މެޗެވެ.


